01 Feb 2011, 15:08
1979 ވަނަ އަހަރު އީރާނުގެ ޝާހްގެ ވެރިކަން ވެއްޓުމުން އިސްރާއީލާ ދުޝްމަން ޤައުމަކަށް އީރާން ބަދަލުވި ގޮތަށް ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓި އިސްރާއީލުގެ ދުޝްމަނަކަށް މިސްރުވެސް އަލުން ބަދަލުވެދާނެ ކަމުގެ ބިރު އިސްރާއީލުން އިޙްސާސް ކުރަންފަށައިފިއެވެ. އިސްރާއީލަށް ވަޑައިގެން އުޅުއްވާ ޖަރުމަނުގެ މުސްތަޝާރާ އެންގެލާ މާކަލްއާ، ހިފާފައިވާ ޤުދްސުގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެފައިވަނީ މިސްރުން އިސްރާއީލާއެކު ސޮއިކޮށްފައިވާ ސުލްޙައިގެ މުޢާހަދާ ޤަބޫލުނުކުރާ ބަޔަކު މިސްރުގެ ވެރިކަމަށް އަތުވެދާނެކަމުގެ ބިރު އިސްރާއީލު އިޙްސާސް ކުރަމުން ގެންދާ ކަމުގައެވެ. އަދި ދެވަނަ އީރާނަކަށް މިސްރު ބަދަލުވުމަކީ އިސްރާއީލަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެއް ކަމަށްވެސް ނަތަނިޔާހޫ ވިދާޅުވިއެވެ.
މިސްރަކީ މެދުއިރުމަތީގައިވާ އެންމެ ބިޔަ އަދި އެންމެ ވަރުގަދަ ޢަސްކަރީ އެއްބާރެވެ. ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްތިޢްމާރީ ބާރެއްގެ ގޮތުގައި ފަލަސްތީނުގައި އަމާންކަމާއެކު ދެމިއޮތުމުގެ ފުރްސަތު އިސްރާއީލަށް ތަނަވަސްވުމުގައި މިސްރުން އިސްރާއީލާއެކު ސޮއިކޮށްފައިވާ ސުލްޙައިގެ އެއްބަސްވުން މުހިއްމު ދައުރެއް އަދާކުރެއެވެ. މިސްރު، އަލުން އިސްރާއީލުގެ ދުޝްމަނަކަށް ބަދަލުވެއްޖެނަމަ، ޒަމާނުއްސުރެ އެކަހެރިކުރެވިފައިވާ އިސްރާއީލު އިތުރަށް އެކަހެރިވެ އިސްރާއީލަށް އަމާންކަންގެއްލިގެންދާނެކަމުގެ ބިރު އިސްރާއީލުން އިޙްސާސް ކުރެެއެވެ.
މިފަދަ ޙާލަތެއްގައި މިސްރުގެ ސަރަޙައްދީ ރޮނގުގައި ލައްކައެއްހާ ސިފައިން ބައިތިއްބަން އިސްރާއީލަކަށް ޖެހޭނެކަމަށް ތަޖްރިބާކާރުންވިދާޅުވެއެވެ. ނަތީޖާއަކަށްވާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކާ އަދި ލުބްނާނުގެ ޙިޒްބުﷲ ޖަމާއަތާ ކުރިމަތިލުމުގެ ޢަސްކަރީ ޤާބިލްކަން އިސްރާއީލުގެ ކިބާގައި ކުޑަވެ ޢަސްކަރީގޮތުން އިސްރާއީލަށް ބާރުބޮޑުވެގެންދިޔުމެވެ. މިސްރާއި ފަލަސްތީނުގެ ޖަމާޢަތްތަކާ އަދި ހިޒްބުﷲ އާ އެއްވަގުތަކު ކުރިމަތިލާންޖެހުމަކީ އެމެރިކާގެ އެހީތެރިކަން ލިބުނު ނަމަވެސް އިސްރާއީލުފަދަ އާބާދީ މަދު އަދި ކުޑަ ޤައުމަކަށް ތަޙައްމަލްކުރެވޭނެ ކަމެއްނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ރިޕޯޓްތައް ބުނާގޮތުން، މިސްރުން އިސްރާއީލާއެކު ސުލްޙަވުމުން އިސްރާއީލުގެ ޢަސްކަރީ ބަޖެޓްވަނީ 23 އިންސައްތައިން 9 އިންސައްތައަށް ކުޑަވެފައެވެ. މިކަމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކުރާނެ ފައިސާ އިސްރާއީލަށް ތަނަވަސްވެގެން ދިޔައެވެ. އިސްރާއީލުގެ މިމަސްލަޙަތުތަކަށް ރިޢާޔަތްކުރުމަށްފަހު އިސްރާއީލުގެ ޚާރިޖިއްޔާއިންްވަނީ މުބާރަކްގެ ޚުދުމުޚްތާރު، ދިގުލީ ވެރިކަން ދެހެއްޓުމަށް މަސައްކަތް ކޮށްދިނުމަށް އިސްރާއީލުގެ ސަފީރުން މެދުވެރިކޮށް ހުޅަނގުގެ ލީޑަރުންނަށް އިލްމާސް ކޮށްފައެވެ.
އިސްރާއީލަކީ ޙުސްނީ މުބާރަކްގެ ދިގުލީ ޚުދުމުޚްތާރު ވެރިކަން ދަމަހައްޓަން ބޭނުންވާކަން ހާމަކުރި ފުރަތަމަ ޤައުމެވެ. އަނެއްކޮޅުން މިސްރުގެ އިދކޮޅު ފަރާތްތަކުންވަނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ބޭނުންކުރުމަށް ތަފާތު ސްޕްރޭތަކާއި ގޭސްތައް އިސްރާއީލުން މިސްރަށް ފޯރުކޮށްދެމުން ގެންދާ ކަމަށް ތުހުމަތުކޮށްފައެވެ. –އަލްޖަޒީރާ، ނޫސްއެޖެންސީތައް