ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ (އެމްއީޒެޑްޖޭ) ގްރޫޕް 'ބީ' ގެ ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ބައްދަލުކޮށްފައި ވަނީ އެމްއީޒެޑްޖޭ އާއި ރަތްމަންދޫ ޒުވާނުންގެ ޖަމިއްޔާ (އާރްޒެޑްޖޭ) އެވެ. އެ މެޗު އެމްއީޒެޑްޖޭ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އެމްއީޒެޑްޖޭއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ ދެވަނަ ހާފްގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެމްއީޒެޑްޖޭ ގެ އަހުމަދު ސައުދު (ޒަކީ) އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އާރްޒެޑްޖޭ ގެ ހުސެއިން ފިރާގު އެވެ.

އެ މެޗުގެ ނަތީޖާއާއެކު އެމްއީޒެޑްޖޭ ވަނީ ގްރޫޕް 'ބީ' ގައި މިހާތަނަށް އެ ޓީމް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް މުބާރާތުގައި މުޅިއަކު ހަ ޕޮއިންޓު ހޯދާފައެވެ. އެ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އާރްޒެޑްޖޭއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ މެޗެކެވެ. އެގޮތުން އެ ޓީމް ވަނީ މުޅިއަކު ތިން ޕޮއިންޓާއެކު މުބާރާތުގެ ގްރޫޕް 'ބީ' ތާވަލްގެ ދެވަނަ މަގާމް ހޯދާފައެވެ.

އެ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައި ވަނީ ގްރޫޕް 'އޭ' ގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ މުލަކު އެކުވެރި ކްލަބާއި ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާއެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔަބުކޮށް ހަ ޕޮއިންޓާއެކު ގްރޫޕް 'އޭ' ތާވަލްގެ އެންމެ ކުރީގައި އޮތީ މުލަކު އެކުވެރި ކްލަބް (އެމްއިސީ) އެވެ.

މިފަހަރުގެ މ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި މުޅިއަކު ނުވަ ޓީމެއް ބައިވެރިވެފައި ވެއެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެނެވެ. އެގޮތުން މުބާރާތުގެ ގްރޫޕް 'އޭ' ގައި ފަސް ޓީމެއް ހިމެނޭއިރު، ގްރޫޕް 'ބީ' ގައި ހިމެނެނީ ހަތަރު ޓީމެވެ. އަދި މި މުބާރާތުގައި މިހާތަނަށް ގްރޫޕް 'އޭ' ގެ ހަ މެޗު ކުޅެފައި ވާއިރު، އިއްޔެގެ މެޗާއެކު ގްރޫޕް 'ބީ' ގެ ޓީމްތަކުގެ މެދުގައި ކުޅެފައި ވަނީ ތިން މެޗެވެ.