09 Dec 2014, 11:55
ކުޅިވަރުގައި ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކުމަށް ބޭނުންކުރާ ގާނޫނާ ޚިލާފު ބޭސްތަކަށް ޓެސްޓު ކުރުމުގައި އޭނާ އާއި ޓީމުގެ އެހެން ކުޅުންތެރިންނާއި ތަފާތުކުރިކަމަށް ބާސެލޯނާގެ ތަރި ލައޮނަލް މެސީ ބުނެފިއެވެ.
އިއްޔެ ބޭއްވި ބާސާގެ ތަމްރީނުތަކުގެ ކުރިން އެ ޓީމްގެ ފަސް ކުޅުންތެރިއަކު ބޭހަށް ޓެސްޓުކޮށްފައި ވާއިރު، އިންސްޓަގްރާމް މެދުވެރިކޮށް މެސީ ބުނީ ދެން ތިބި ހަތަރު ކުޅުންތެރިންނާއި އޭނާއާ މެދު ޓެސްޓުކުރުމުގައި ތަފާތުކޮށްފައި ވާކަމަށާއި، އޭނާއާ މެދު ކަންތައްކޮށްފައި ވަނީ އެހެން ކުޅުންތެރިންނަށްވުރެ ހަރުކަށިކޮށް ކަމަށެވެ.
"ޑޯޕިންގް ކޮންޓްރޯލް. އެމީހުން ޓެސްޓުކުރި ފަސް ކުޅުންތެރިންގެ ތެރެއިން ކުޑަކަމުދާ ތަކެއްޗާއި ލޭގެ ސާމްޕަލް ނެގީ ހަމައެކަނި އަހަރެންގެ ގައިން...އާދަޔާ ޚިލާފު ދޯ.." އިއްޔެ ޕޯސްޓުކުރި އިންސްޓަގްރާމް މެސްޖެއްގައި މެސީ ބުނެފައި ވެއެވެ.
ޔޫރަޕުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޔޫއެފާ) އާއި ސްޕެއިންގެ ކުޅިވަރުގެ ސިއްހަތާ ބެހޭ އިދާރާ (އޭއީޓީއެސްއޭޑީ) ގުޅިގެން ހިންގި މި ޓެސްޓުތަކުގައި އިއްޔެ ޓެސްޓުކޮށްފައިވާ ބާސާގެ އަނެއް ހަތަރު ކުޅުންތެރިންނަކީ އެންޑްރެސް އިނިއެސްޓާ އާއި އައިވަން ރަކިޓިކް އާއި ކްލައުޑިއޯ ބްރާވޯ އަދި ޖޯޑީ އަލްބާ އެވެ.
އެންމެ ފަހުން ބާސާ ކުޅުނު މެޗުގައި ހެޓްރިކެއް ހެދި މެސީ ވަނީ އެ މެޗުގައި ބާސާއަށް އޭނާގެ 400 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިއަހަރުގެ ލަލީގާގައި ކުޅުނު 14 މެޗުގައި މެސީގެ ފަރާތުން 13 ލަނޑު ފެނިގެން ގޮސްފައި ވާއިރު، ޗެންޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުގައި އޭނާ ވަނީ މުޅިއަކު ހަތް ލަނޑު ކާމިޔާބުކޮށްފައެވެ. މިފަދަ އަދަދުތަކަކަށް އޭނާގެ ކާމިޔާބީތައް ގުނާލެވޭއިރު، އޭނާއާ މެދު ޝައްކު ނުކުރިޔަސް ޔޫއެފާއިން އޭނާއަށް ޚާއްސަ ނަޒަރަކުން ބެލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ކުޅިވަރު ކުޅުންތެރިން އެމީހުންގެ ކުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ގާނޫނާ ޚިލާފަށް ބޭނުން ކުރާ ބޭސް، ނުވަތަ 'ޕާފޯމެންސް އެންހޭންސިންގް ޑްރަގްސް' އަށް އެކި ކުޅިވަރުތަކުގައި ކުރީބައިގައި އެންގުމެއް ނެތި ކުޅުންތެރިން ޓެސްޓުކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް ޓެސްޓުކުރުމުގައި ޓެސްޓުކުރެވޭ ކުޅުންތެރިންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ފުޓްބޯޅައިގެ ބޮޑު މުބާރާތެއްގައި އަދި މިހާތަނަށް އެފަދަ ބޭހަކަށް ކުޅުންތެރިއަކު ޕޮސިޓިވް ވެފައިވާ ހަމައެކަނި ފަހަރަކީ 1994 ގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޑިއޭގޯ މެރެޑޯނާ ޕޮސިޓިވްވި ފަހަރެވެ.