09 Dec 2014, 11:46
ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ދެ ގޮފި އުފައްދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ފާސްކޮށްފި އެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް މިބަދަލުގެންނަށް މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފުއެވެ. އެ ބަދަލު ގެންނަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުނެގެ އިއްތިފާގުންނެވެ. މި ވޯޓުގައި އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ޝަރީފު ހުށައެޅުއްވި މި އިސްލާހުގައި ބުނެފައިވާ ގޮތުން ބިލް ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި ހައި ކޯޓުގެ ދެ ގޮފި ރާއްޖޭގެ އުތުރާއި ދެކުނުގައި އުފައްދަން ޖެހެ އެވެ. އަދި އޭގެ ކޮންމެ ގޮތްޕަކަށް، މިހާރު ހައި ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ކަނޑައަޅަން ޖެހެ އެވެ.
މީގެ އިތުރުން ބިލްގައި ބުނެފައި ވަނީ އެ ގޮފިތައް ގާއިމުކުރާނެ ރަށަކާއި އެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށާއި އުތުރާއި ދެކުނުގައި ގާއިމުކުރާ ހައި ކޯޓްގެ ދެ ގޮފިން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފުކުރުން އެކަނި ކަމަށެވެ.
މި ބަދަލުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ޝަރީފުގެ ބިލްގައި ބުނެފައިވާ އިރު، އަދަދު މަދުކުރަން ކޮމިޓީން ފާސްކުރީ ޝަރީފުގެ ހުށަހެޅުމަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު އެވެ.
ބިލްގައި ބުނެފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަދުކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ޖެހޭނީ މަޖިލީހަށް ހުށަހަޅާށެވެ.