09 Dec 2014, 11:13
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީ މެމްބަރުންނާއި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ގަޔަށް އަތްލައި ޒުވާބު ކުރަން ފެށުމުން ޖަލްސާ ހުއްޓާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހަ ކުއްލި މައްސަލައެއް ހުށަހަޅާފައި އެވެ. އެގޮތުން ސަރުކާރު ހިންގާ ޕީޕީއެމް އިން ވަނީ ފަސް މައްސަލައެއް މިއަދުގެ މަޖިލީހަށް ހުށަހަޅާފައި އެވެ. އިދިކޮޅު އެމްޑީޕީން ވަނީ އެއް މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެހެން ކަމުން އެއް މައްސަލައަށް ވުރެއް ގިނަ މައްސަލަ ކުއްލި މައްސަލައިގެ ގޮތުގައި ހުށަހެޅުމުން ރިޔާސަތުން ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ނަގާނެ މައްސަލައެއް ގުރުއަތުން ހޮއްވަވާފައި އެވެ. ގުރުއަތުން ޕީޕީއެމްގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ މައްސަލަ ކުއްލި މައްސަަލައެއްގެ ގޮތުގައި ނެގުނުކަން ރިޔާސަތުން އިއުލާން ކުރެވުނު ހިސާބުން މަޖިލިސް ތެރޭގައި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅުން ވަނީ އަޑުގަދަކުރަން ފަށައިފަ އެވެ. އަދި އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި ޒުވާބު ކުރަން ފެށުމުން ރިޔާސަތުން ވަނީ ލައިވް މެދުކަނޑާލައި ޖަލްސާ ހުއްޓަވާލައްވައިފަ އެވެ.

އިދިކޮޅު ބައެއް މެމްބަރުން ވަނީ އާއްމުން ފެނަށް ޖެހިފައިވާ ހާލަތުގައި ޖަލްސާ ކުރިއަށް ގެންދިޔުމާ ދެކޮޅު ހައްދަވާފަ އެވެ. އެގޮތުން ނިޒާމީ މައްސަލައެއްގެ ގޮތުގައި ވާހަކަފުޅުފުޅު ދައްކަވަމުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ފެން ލިބޭ އިރު ރައްޔިތުންނަށް ފެން ނުލިބޭ ކަމަށެވެ.
މާރިޔާ ނިޒާމީ މައްސަލާގައި ވާހަކަފުޅު ދައްކަވަނިކޮށް މަޖިލިސް ތަޅުމުގައި މެމްބަރުން އަޑުކުރަން ފެށި ހިސާބުން މަޖިލިސް ތެރެ ވަނީ ހޫނެވަފަ އެވެ. އަދި ބައެއް މެމްބަރުން ރިޔާސަތުގެ މޭޒު ކައިރިއަސް އެއްވި އެވެ. އެވަގުތު އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރެއްގެ އަތުގައި ފެން ފުޅިއެއް އޮތް މަންޒަރު ފެނިގެން ދިޔައެވެ.
އެހިސާބުން ޖަލްސާ މެދެކަނޑާލެއްވިކަން ރިޔާސަތުން އިއުލާން ކުރެއްވި އެވެ. އެހެންނަމަވެސް ޖަލްސާ އަލުން ފަށާނެ ވަގުތެއް ރިޔާސަތުން އިއުލާނެއް ނުކުރައްވަ އެވެ.