09 Dec 2014, 10:50
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓަޑް އާއި ސައުތޭމްޕްޓަން ބައްދަލުކުރި މެޗުގައި ރޮބިން ވެން ޕާސީ ޖަހައިދިން ދެ ލަނޑާ އެކު، ސައުތޭމްޕްޓަންގެ މައްޗަށް ކުރި ހޯދައި ޔުނައިޓަޑް ތާވަލްގެ ތިންވަނައަށް ޖެހިލައިފި އެވެ.
ރޭ ކުޅުނު މެޗުގެ ނަތީޖާއާއެކު ޔުނައިޓަޑް ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި 15 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އަށް މެޗު އެ ޓީމް ކާމިޔާބުކޮށްފައިވާ އިރު، ހަތަރު މެޗުން އެ ޓީމް ވަނީ އެއްވަރު ވެފަ އެވެ. މި ނަތީޖާއާ އެކު އެ ޓީމަށް މުޅިއަކު 28 ޕޮއިންޓް ލިބިފައިވާ އިރު، ސައުތޭމްޕްޓަން މުޅިއަކު 26 ޕޮއިންޓާ އެކު ވަނީ ތާވަލްގެ ފަސްވަނައަށް ވެއްޓިފަ އެވެ. މި ސީސަންގެ ފެށުމުގައި ގިނަ މެޗުތަކެއް ކާމިޔާބުކުރި ސައުތޭމްޕްޓަން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނަގާފައި ވަނީ ޔުނައިޓަޑުންނެވެ. ސައުތޭމްޕްޓަންގެ ޑިފެންޑަރު ޖޯސޭ ފޮންޓޭ އަށް ހެދުނު ގޯހެއްގެ ބޭނުންހިފާ ޔުނައިޓަޑަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ޔުނައިޓަޑްގެ ސްޓްރައިކަރު ވެން ޕާސީ އެވެ. ދެ ޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ސައުތޭމްޕްޓަން ވަނީ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމަށް މެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 31 ވަނަ މިނެޓުގައި ގްރަޒިއާނޯ ޕެލޭ އެވެ.
އޭނާގެ ލަނޑާއެކު ނަތީޖާ ހަމަހަމަވެ އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ވަނީ ނިމިފަ އެވެ. މެޗުގައި ދެވަނަ ފަހަރަށް ޔުނައިޓަޑަށް ލީޑް ލިބިފައި ވަނީ ދެވަނަ ހާފްގަ އެވެ. ކައުންޓާ އެޓޭކްތަކުގައި ޔުނައިޓަޑުން ސައުތޭމްޓަންގެ ގޯލަށް ނުރައްކާ ކޮށްފައިވާ އިރު، މެޗުގައި ޔުނައިޓަޑަށް ލީޑު ލިބުނީ މެޗުގެ 71 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ރޫނީ ނަގައިދިން ބޯޅައަކުން ޔަނައިޓަޑަށް އެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ވެން ޕާސީ އެވެ.
އެ ނަތީޖާއާއެކު މެޗު ނިމިގެން ގޮސްފައިވާ އިރު، މިފަހަރުގެ ސީސަންގެ ފެށުން ރަނގަޅު ކުރެވިފައި ނުވާ ޔުނައިޓަޑް ވަނީ އެ ޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީސަންގައި އެ ޓީމް ލީގު ރޭހުގައި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހުނުއިރު، 2010-2011ގެ ސީސަންގައި އެ ޓީމް ވަނީ މި މުބާރާތުގެ ޗެންޕިއަންކަން ހޯދާފަ އެވެ. އަދި 2011-2012 ވަނަ ސީސަންގައި އެ ޓީމް ވަނީ މުބާރާތުގެ ދެވަނަ ހޯދާފަ އެވެ.
މިރޭގެ މެޗުގައި ޔުނައިޓަޑްގެ ދެ ލަނޑު ކާމިޔާބުކުރި ވެން ޕާސީ ޔުނައިޓަޑާ ގުޅިފައި ވަނީ 2012 ވަނަ އަހަރުއެވެ. ނެދަލެންޑްސްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ވެން ޕާސީ 2012 އިން ފެށިގެން މިހާތަނަށް، އެ ޓީމަށް ކުޅެދިން 73 މެޗުގައި ވަނީ އެ ޓީމަށް 44 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.