09 Dec 2014, 10:46
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ޓެކްސީގެ ހިދުމަތް ދެމުން އައި އުބާ ކުންފުނިން އެހިދުމަތް ދިނުން މަނާކޮށްފި އެވެ.
އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ މިދިޔަ ހުކުރު ވިލޭރޭ އުބަ ކުންފުނީގެ ޓެކްސީއެއްގެ ތެރޭގައި އުމުރުން 27 އަހަރުގެ އަންހެނަކު ރޭޕްކުރި ހާދިސާއާ ގުޅިގެން އުބާ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅީ ލައިސަންސް ދިނުމުގައި މީހުންގެ ބެކްގްރައުންޑަށް ބަލާނެ ކަން އެކުންފުނިން ހާމަކޮށްފައި ވަނިކޮށް ކަމަށެވެ.
އެމެރިކާގެ ސެންފްރެންސިސްކޯގައި މައި އޮފީސް ހުންނަ އުބާ ކުންފުންޏާ ދެކޮޅަށް އިންޑިއާ ސަރުކާރުން ފިޔަވަޅު އަޅާފައިވާ އިރު ރޭޕްކުރި ކަމުގެ ތުހުމަށް ބަންދުކުރި ޑްރައިވަރުގެ ބަންދުގެ މުއްދަތަށް ނިއުދިއްލީގެ ކޯޓަކުން ވަނީ ތިން ދުވަސް ޖަހައިދީފަ އެވެ. ޝިވް ކުމާރު ޔާދޭވް ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ އެމީހާ ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ ހޯދައި ހައްޔަރުކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މަގެއްގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު ރޭޕްކުރުމުގެ ސަބަބުން އޭނާ މަރުވުމާ ގުޅިގެން ރޭޕް ކުރުން ހުއްޓުވަން ގިނަ ފިޔަވަޅުތަކެއް އެގައުމުން އެޅިއެވެ. ނަމަވެސް އޭގެ ފަހުން ވެސް އެފަދަ ތަފާތު ގިނަ ހާދިސާތަކެއް އެގައުމުގައި ވަނީ ހިނގާފަ އެވެ.