ލަންޑަން (ޑިސެމްބަރު 9): ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސީރިޔާގެ އެތައް މިލިޔަން ރެފިއުޖީންގެ ތެރެއިން އެއްލައްކަ އަށްޑިހަ ހާސް ރެފިއުޖީން ވަރަށް ބޮޑަށް ހައިހޫނުކަން ތަހައްމަލް ކުރަމުން ގެންދާކަމަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފި އެވެ.

މިޖަމްއިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސީރިޔާ ރެފިއުޖީންގެ ތެރެއިން 186،000 މީހުންނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށް ނުދެވޭތާ ދުވަސްތަކެއް ވުމުގެ ސަބަބުން އެމީހުން މަރުގެ ތުންފަތްމަތީގައިވާ ކަމުގަ އެވެ. އަދި ހައިހޫނު ކަމުގެ ސަބަބުން ރެފިއުޖީންގެ ތެރެއިން ކުޑަކުދިންނަށް ކާޑުބަލިޖެހި މުސްކުޅިންނާއި އަންހެނުން އެތައް ބަލިތަކެއްގެ ޝިކާރައަކަށް ވަމުންދާ ކަމަށްވެސް މިބަޔާން ބުނެ އެވެ.

އދ. ގެ ވޯލްޑް ފުޑް ޕްރޮޮގްރާމުން ދާދިފަހުން ވަނީ ފައިސާ ނެތުމުގެ ސަބަބުން ސީރިޔާގެ ރެފިއުޖީންގެ ތެރެއިން އެތައް ލައްކަ ބަޔަކަށް ކާބޯތަކެއްޗާއި ބޭސްކޮށްދިނުން ހުއްޓާލާފައިވާ ކަމަށް ބުނެފަ އެވެ. ހައިހޫނު ކަމުގެ ސަބަބުން މަރުގެ ތުންފަތްމަތީގައިވާ މި 186،000 ރެފިއުޖީން ދިރިއުޅެނީ ސީރިޔާގެ އަވަށްޓެރި އުރުދުންއާއި ލުބްނާނާއި އިރާގުގައި ކަމަށް ވެސް އެހީދިނުމުގައި ހަރަކާތްތެރިވާ ޖަމްއިއްތާތަކުން ނެރުނު ބަޔާން ބުނެ އެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައަށް ވާގިވެރިވާ ގައުމުތަކުން އެގައުމުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފަސްޖެހޭ ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެ އެވެ. ސީރިޔާގެ ރައްޔިތުން ފަނާކުރަމުން ގެންދާ ދާޚިލީ ހަނގުރާމައިގެ ފަހަތުގައިވާ ގައުމުތަކުގެ ތެރޭގައި ގަލްފުގެ އަރަބި ގައުމުތަކާއި އީރާނާއި ރަޝިޔާއާއި އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ގައުމުތައް ހިމެނެ އެވެ.

މިގައުމުތަކުގެ ތެރެއިން ބައެއް ގައުމުތައް ސީރިޔާގައި ދާޚިލީ ހަނގުރާއިގެ ދެފަރާތް ކަމަށްވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވާއިރު އަނެއްބައި ގައުމުތަކުން ގެންދަނީ ސީރިޔާ ސަރުކާރު ސިފައިންނަށް އެހީތެރިވަމުންނެވެ. (އަލްޖަޒީރާ)