09 Dec 2014, 10:22
ކޮނޑޭ އައިލެންޑް ސޮސައިޓީ ފޯ ސްޕޯޓްސް އެވެއާނެސް ރެކްރިއޭޝަން ޔުނިޓީ (ކިއްސަރު) އިން އިންތިޒާމުކޮށްގެން ކޮންމެ ދެއަހަރުން އެއް އަހަރަކު ބާއްވާ ކިއްސަރު ފުޓްސަލް މުބާރާތް ފަށައިފި އެވެ.
ސްނިކާސް ކިއްސަރު ފުޓްސަލް މުބާރާތުގެ ނަމުގައި ހުކުރު ދުވަހު ފެށި އެ މުބާރަތަކީ 2002 އިން ފެށިގެން އެ ރަށުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
އެ މުބާރާތުގައި ފަސް ޓީމެއް ބައިވެރި ވެފައިވެ އެވެ. އެއީ އޭޖާސް ޔުނައިޓެޑާއި ސްޕޯޓްސް ކްލަބް ބަފާނާ އާއި އަޒީ ސްޕޯޓްސް އާއި ޕިންކް ބޯއިޒް އަދި ކޮނޑޭ މަލާ ބިގަލޯސް އެވެ.
މުބާރާތުގައި އިއްޔެ ދެ މެޗު ކުޅެފައިވާ އިރު މާދަމާ މުބާރާތުގެ ސެމީ ކުޅޭނެއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބަފާނާ އާއި އަޒީ ސްޕޯޓްސް ބައްދަލު ކުރިއިރު 2-1 ލަނޑުން އެ މެޗު މޮޅުވީ ބަފާނާ އެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އެ ޓީމު ޝިނާޒު މުހައްމަދެވެ.
ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ އޭޖާސް ޔުނައިޓެޑާއި ބިގަލޯސް އެވެ. އެ މެޗު 13-1 ލަނޑުން އޭޖާސް ފަސޭހަކަމާ އެކު މޮޅުވިއިރު އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އެ ޓީމުގެ ޝައްފާން އެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗު މާދަމާ ކުޅޭއިރު އެ މެޗުގައި ބައްދަލު ކުރާނީ ބަފާނާ އާއި ޕިންކް ބޯއިޒް އެވެ. އެ މެޗުން މޮޅުވާ ޓީމު ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާއިރު ބަލިވާ ޓީމު ބައްދަލު ކުރާނީ ސެމީއަށް ދިޔަ ތިންވަނަ ޓީމް އޭޖާސް ޔުނައިޓެޑާ އާއެވެ.