ކާރެއްގެ ދަށުގައި ރައްކާކޮށްފައި ހުރި ހަތަރު ކަނޑި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ކަނޑިތައް ހޯދާފައި ވަނީ ހެންވޭރު، ރަތްވިލާހިނގުމުގައި ޕާކް ކޮށްފައި އޮތް ކާރެއްގެ ދަށުގައި ރައްކާކޮށްފައި ހުއްޓައި ކަމަށެވެ.

ފުލުހުންގެ އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ހެޑް އޮފް ސެންޓަރަލް އޮޕަރޭޝަން ކޮމާންޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން އާ ހަވާލާދީ ފުލުހުން ބުނީ މާލެއަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހަދައި މާރާމާރީގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފުލުހުންނަށް ތުޙުމަތުކުރެވޭ ފަރާތްތައް ހުއްޓުވައި ބަލައި ފާސްކުރުމުގެ އިތުރުން ޝައްކުކުރެވޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން މާރާމާރީ ހިންގައި މާލޭގެ އަމަން ނަގާލަން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ކާރެއްގެ ދަށުގައި ރައްކާކޮށްފައިވާ ކަނޑިތަކެއް ފެނިފައިވާ މައްސަލަ މޯލްޑިވުސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.