ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ކުރާ ކަންތައްތަކުގައި ކަންބޮޑުވާ އެތައް ކަމެއް އެބަހުރި ކަމަށާއި އިންތިހާބުގެ އެންމެ ފަހު ދުވަހާ ހަމަޔަށް އަންނަ އިރު، އެކަންތައްތައް އިސްލާހު ނުކޮށްފި ނަމަ ޑީއާރުޕީން "އެހެން ގޮތަކަށް އަމަލް ކުރަންޖެހިދާނެ" ކަމުގެ އިންޒާރު އެ ޕާޓީން ދީފި އެވެ.

ގަން ބަލަހައްޓާ ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން 95 މީހަކު ވަޒީފާ އިން ވަކިކުރި މައްސަލަގައި ކަންބޮޑުވުން ފާޅުކޮށް ޑީއާރުޕީގެ އޮފީހުގައި ނޫސްވެރިނަން މައުލޫމާތު ދެއްވަމުން ރޮޒައިނާ މިއަދު ވިދާޅުވީ ސަރުކާރުން މިއަދު އަމަލުކުރަމުން އަންނަ ގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ލިބިއްޖެ ނަމަ ރަށްރަށުގެ މުވައްޒަފުން ވެސް ވަޒީފާ އިން ކަނޑާލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުގެ ނަމުގައި އެ ތަންތަނުގެ މުވައްޒަފުން ކަނޑާލައި އެމްޑީޕީގެ މީހުންނަށް ވަޒީފާދެމުންދާ ކަމަށް ރޮޒައިނާ ތުހުމަތު ކުރެއްވި އެވެ.

އެ ގޮތުން ގަން ބަލަހައްޓާ ޔުނިޓްގެ މުވައްޒަފުންތަކެއް ކަނޑާލައި އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުންފުންޏަކާ ހަވާލުކޮށް، ބޭނުން ބަޔަކަށް ވަޒީފާ ދެމުންދާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"ގައުމުގެ ސެކިއުރިޓީ ބެލެހެއްޓުން ޕްރައިވަޓައިޒްކޮށް، ކުންފުންޏަކާ ހަވާލުކޮށް ބޭނުން ބަޔަކާ ވަޒީފާ ދެމުންދަނީ. އެކަންތައް ހަމަހަމަކަމާ އެކު އަމަލް ކުރަން ޖެހޭނީ. އެހެންނަމަވެސް އެމްޑީޕީއަކުން އެ މަންޒަރެއް ނުފެނޭ."
ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވެފައި ވަނީ، ގަން ބަލަހައްޓާ ޔުނިޓުގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ވިޔަސް، އެ މުއްޒަފުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ އިންތިހާބާ ދިމާކޮށް ސަރުކާރުން ކުރަމުންދާ ވަރަށް ގިނަ ކަންކަމުގައި އެ ޕާޓީން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ކަންތައްތައް އިސްލާހު ނޮކޮށްފި ނަމަ މުޒާހަރާއަށް ދާންޖެހިދާނެ ކަމަށެވެ. އަދި މާދަމާ އެކަމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.