ރިޔާޟް (ޑިސެމްބަރު 9): ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އެގައުމުގެ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.

ސައޫދީ ރަސްމީ ނޫސްއެޖެންސީ އިން ބުނާ ގޮތުން އަބްދުﷲ ރަސްގެފާނު ވަނީ އޭނާގެ ކެބިނެޓްގެ ނުވަ ވުޒާރާއަކަށް ވަޒީރުން އަލުން އައްޔަން ކުރައްވާފަ އެވެ. މި ނުވަ ވުޒާރާގެ ތެރޭގައި ސިއްޙަތާ ބެހޭ ވުޒާރާއާއި ތަޢްލީމާބެހޭ ވުޒާރާއާއި ދަތުރުފަތުރާބެހޭ ވުޒާރާއާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ ހިމެނެ އެވެ. ސައޫދީ ރަސްގެފާނު އެގައުމުގެ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި މާލީ ވުޒާރާ އާއި ތެލާބެހޭ ވުޒާރާއާއި ދާޚިލީ ވުޒާރާއާއި ޚާރިޖީ ވުޒާރާ އާ އަދި ޙައްޖުގެ ކަންތައްތަކާބެހޭ ވުޒާރާ ފަދަ މުހިއްމު ވުޒާރާތަކުގެ ވަޒީރުން ހިމެނިވަޑައެއް ނުގަންނަވަ އެވެ.

އަބްދުﷲ ރަސްގެފާނު އޭނާގެ ސަރުކާރުގެ ކެބިނެޓްގެ އިސްމަގާމުތަކަށް މިބަދަލުތައް ގެންނަވާފައި މިވަނީ އަންނަ އަހަރަށް ކަނޑައަޅާފައިވާ ސައޫދީ ބަޖެޓް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރުމުގެ ކުރިންނެވެ. އަލަށް އައްޔަން ކުރި ވަޒީރުންގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ކަމަށް ސުލައިމާނު އަބުލްޚައިލު، ތަޢްލީމާބެހޭ ވަޒީރު ކަމަށް ޚާލިދް އައްސިބްތީ، ސިއްޙަތާ ބެހޭ ވަޒީރު ކަމަށް މުޙައްމަދު އާލު ހިޔާޒަޢު، ޘަގާފަތާއި އިންފޮމޭޝަނާބެހޭ ވަޒީރު ކަަމަށް އަބްދުލްއަޒީޒް އަލްޚުޟައިރީ ހިމެނިވަޑައިގަންނަވަ އެވެ.

މިއީ 2011 ވަނަ އަހަރަށް ފަހު ސައޫދީ ވަޒީރުންގެ މަޖިލީހަށް އަބްދުﷲ ރަސްގެފާނު ގެންނެވި އެންމެ ބޮޑު ބަދަލެވެ. (ސައޫދީ ނޫސްއެޖެންސީ)