09 Dec 2014, 07:41
ފުލުހުންގެ ޓޯ ޔާޑުގައި ރޭ ފަތިހު އަލިފާންރޯވެ، ތިން މީހަކު ޒަހަމްވެއްޖެ އެވެ.
ރޭ ފަތިހު 5:45 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ޒަހަމްވެފައި ވަނީ ދެ ބިދޭސީއަކަށާއި ސިފައިންގެ މީހެކެވެ. އެ މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

ޓޯ ޔާޑުގައި އަލިފާން ރޯވެ، ބައެއް ވެހިކަލްތަކަށް ގެއްލުންވި-- ސަން ފޮޓޯ/އަބްދުﷲ ހަމްމާދު
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ބިދޭސީއަކު ފިހި، އަދި ދުމުގެ އަސަރު ބިދޭސީއަކަށްކޮށްގެން އައިޖީއެމްއެޗުން ފަރުވާދިން ކަމަށެވެ. އަދި އަލިފާން ނިއްވުމުގައި އުޅުނު ސިފައިންގެ މީހަކަށް އަނިޔާވެގެން ސިފައިންގެ ސެނަހިޔާ ހޮސްޕިޓަލުން ފަރުވާދިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ ދުމުގެ އަސަރު ކުރި ބިދޭސީ މީހާއަށް އެކަނި ކަމަށެވެ.
އެ ހާދިސާގައި ޒަހަމްވި ބިދޭސީންތަކަކީ ޓޯ ޔާޑާއި އިންވެގެން އޮންނަ ސިޓީ ކައުންސިލް އިމާރާތުގައި އުޅެމުންދާ ބިދޭސީންތަކެކެވެ.

ޓޯ ޔާޑުގައި އަލިފާން ރޯވެފައި-- ސަން ފޮޓޯ/އަބްދުﷲ ހަމްމާދު
ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ވެހިކަލްތައް ޖަމާކޮށްފައިވާ ޓޯ ޔާޑުގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވުނީ ބައި ގަޑިއެއްހާއިރުގެ މަސައްކަތުންނެވެ. އެ ހާދިސާގައި އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ވަނީ ވެފަ އެވެ.