08 Dec 2014, 23:38
އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މާލެ ފެނަށް ޖެހިފައިވާތީ ސަރުކާރު ހިންގާ ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ނިންމައިފި އެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ "ސަން"އަށް ވިދާޅުވީ ފެނުގެ މައްސަލާގައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅަން ނިންމީ އެ ޕާޓީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅާނީ މާލޭގެ ދާއިރާތަކުގެ ގޮނޑިތަކަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ ފަސް މެމްބަރުންގެ ތެރެއިން، މެމްބަރެއް ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ މާލެއަށް ދިމާވެފައިވާ ފެނުގެ ކާރިސާއާ ގުޅިގެން ހުސް "އަނގަ"ތަކެއް ތެޅިއަސް ނުވާނެ ކަމަށެވެ. އެހެންކަމުން މިކަމަށް ވަރަށް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފެން ނުލިބިގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނޫން ކަމަށާއި އެއީ އެތައް ރައްޔިތުންތަކެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ނިހާން ވިދާޅުވި އެވެ.
"މި މައްސަލާގައި ހުސް އަނގަ ތެޅިއަކަސް ވާނެ ކަމެއް ނޯންނާނެ. މި ކަމަށް ހައްލެއް ނުލިބޭނެ. ދަންނަވަންތޯ. ފެން ނެތީމަ އިނގޭނީ ފެން ބޭނުންވާ މިންވަރު ފެނަކީ ކިހާ މުހިއްމު އެއްޗެއްކަން ވެސް އެހެންވީމަ މިކަމަށް ވަރަށް ސީރިއަސް ހައްލެއް ގެންނަން އެބަޖެހޭ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ވިލިމާލެ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 145ވަނަ މާއްދާހެ (ހ) ގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުން ދަނިކޮށް އެޖެންޑާގައިވާ ކަންކަން ހުއްޓުމަކަށް ގެނެސް ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނިގެންވާ މުހިއްމު ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުސަތު ހަމަ ކޮންމެ މެމްބަރަކަށް ވެސް އޮންނާނެ ކަމަށެވެ.