މާލެ ފެނަށް ޖެހިފައި ވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް މާލޭގައި މިރޭ ކުރި މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

މާލެ ފެނުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލަމުންދާތީ ސަރުކާރަށް ފާޑުކިޔައި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް މިރޭ މުޒާހަރާ ކުރީ ސޯސަންމަގާއި މެދުޒިޔާރަތް މަގާ ގުޅޭ ހިސާބުގަ އެވެ. މިރޭގެ ކުރި މުޒާހަރާގައި އެމްޑީޕީން އެކްޓިވިސްޓުންވަނީ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އިސްތިއުފާ ދިނުމަށް ގޮވާލައި އަޑު އުފުލާފަ އެވެ.

މުޒާހަރާ ކުރަން ފެށުމުން، މަގުތައް ބަންދުވެ، ފެން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ފުލުހުން ބުންޏެވެ. ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ސަލާމަތީ ބާރުތަކުން ކުރާ މަސައްކަތަށް ހުރަސް ނޭޅުމަށް ވެސް ފުލުހުން މިރޭ ވަނީ އިލްތިމާސް ކުރި އެވެ.

މާލޭގައި މިރޭ ކުރި މުޒާހަރާގައި މީހުން ހައްޔަރު ކުރަނީ--ސަން ފޮޓޯ/ މުހައްމަދު ސިމާއު

އެމްޑީޕީން މިރޭ ކުރި މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ފުލުހުން ބުންޏެވެ. އަދި މިރޭ ހައްޔަރު ކުރި މީހުންނަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބައެއް ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި މިރޭ ކުރި މުޒާހަރާގައި މީހުން ހައްޔަރު ކުރަނީ--ސަން ފޮޓޯ/ މުހައްމަދު ސިމާއު

މިރޭ ކުރި މުޒާހަރާގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން އާއި މާލޭ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ސަމާއު ޝަރީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.