08 Dec 2014, 20:45
ގދ. ތިނަދޫގައި އަމިއްލައަށް ގައިގައި އަލިފާން ރޯކޮށްލި ބިދޭސީ މީހާއަށް ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ބަނގުލަދޭޝްގެ މީހާ މަރުވެފައި ވަނީ މިއަދު ހަވީރު 4:10 އެހައިކަންހާއިރު ކަމަށެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އެ މީހާ މާލެ ގެނެސްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ހަށިގަނޑުގެ 80 ޕަސެންޓާއި 90 ޕަސެންޓާ ދެމެދު ފިހިފައިވާ ކަމަމަށެވެ.
ތިނަދޫން 'ސަން' އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާ އަމިއްލައަށް ގައިގައި ރޭ ރޯކޮށްލީ ގަޔަށް ޕެޓްރޯލް އެޅުމަށްފަހު ކަމަށެވެ. އަދި އަމިއްލައަށް ގައިގައި ރޯކޮށްލުމުން، ބަޔަކު އޭނާ މޫދަށް ކޮއްޕާލައި ވައްޓާލި ކަމަށް ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެ ހާދިސާ ހިނގާފައި ވަނީ ތިނަދޫ ފެރީޓާމިނަލް ސަރަހައްދުގަ އެވެ.