08 Dec 2014, 20:12
ޑިމޮކްރަޓިކް ހަމަތަކާއި ގާނޫނު އަސާސީއާ ޚިލާފަށް ވަކި މީހަކަސް ވެރިކަން ހަވާލުކުރުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށް ހުޅުހެންވޭރު ދާއިރާ އެމްޑީޕީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމަށް ރާއްޖޭގެ ވެރިކަން ވަގުތީ ގޮތުން ހަވާލުކުރުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރާއި ގުޅޭގޮތުން 'ސަން' އާ ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ އެ ގަރާރަކީ އެމްޑީޕީގެ އުސޫލުތަކާއި މުޅިން ޚިލާފަށް ނެރެފައިވާ ގަރާރެއް ކަމަށެވެ. އެހެންކަމުން އެކަމަކީ އެހާ ބޮޑަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޫސާ މަނިކު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނަކީ ޑިމޮކްރަސީ ދަމަހައްޓަން މަސައްކަތް ކުރާ ބައެއް. އެހެންކަމުން ޑިމޮކްރަޓިކް ހަމަތަކާއި ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް ވަކި މީހަކަށް ވެރިކަން ހަވާލުކުރުމަށް ގޮވާލުމަކީ އެހާ ޒިންމާދާރު ގޮތެއް ކަމަކަށް ނުބެލެވޭނެ،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ މުޅި މާލެ ފެނަށްޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ވަކި މީހަކު ވެރިކަމަށް ގެނައުމަށް ގަރާރެއް ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އަދި އެންމެ މުނާސަބަ ވަގުތެއްވެސް ނޫން ކަމަށެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްވީ، 44 މެންބަރުން ހާޒިރުވި ބައްދަލުމުގައި 37 ބޭފުޅުން ވޯޓު ދެއްވައިގެންނެވެ. އެ ގަރާރު ފާސް ކުރުމަށް ނުފެންނަ ކަމަށް ދެ ބޭފުޅުން ވޯޓު ދެއްވި އިރު ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތަރު ބޭފުޅުން ތިއްބެވި އެވެ.