އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ ގޭބީސީތަކުން ފެން ކެނޑި، މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ނުކުރެވި ދިގުލަމުންދާތީ އިދިކޮޅު ޕާޓީ، އެމްޑީޕީން ސަރުކާރަށް ފާޑުކިޔައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ މާލޭގެ ފެނުގެ މައްސަލައަށް ހައްލެއް ނުލިބި ފަސް ދުވަސް ވެގެންދިޔައިރު، ފެނުގެ މައްސަލަ އަށް ސަރުކާރުން ހައްލު ހޯދައިދީފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ. އަދި ފެނުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންނަށް "ވާނުވާ" ނޭނގޭ ގޮތަށް ވާހަކަފުޅު ދައްކަވަމުން ދެންދަވާތީ ރައްޔިތުންގެ ކިބައިން އެމަނިކުފާނު މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

"ރައްޔިތުންނަސް ވާނުވާ ނޭންގޭ ގޮތަށް ވާހަކަދައްކަވާ، ޓެކްނިކަލް އެއްވެސް ފަރާތެއްގެ ބަހެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށް ނުދެއްވައި، ފަސް ދުވަސް ވެގެން ދިޔައިރު ރައީސުލްޖުމްހީރިއްޔާ ރަށުގައި ނޫޅުއްވާ، މިކަމުގެ އެއްވެސް ޒިންމާއެއް ނުނެންގެވުން، އަދި ވިދާޅުވީ ރައްޔިތުންގެ ކަމެކޭ، ސަރުކާރުގެ ކަމެއް ނޫނޭ، މިހުރިހާ ކަމަކަށް ރައީސް ޔާމީން ޖެހޭނެ މާފަށް އެދެން،" އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑަބްލިއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް 20 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ސަރުކާރުން ބުނެފައިވާތީ ރޮޒައިނާ ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް 20 މިލިއަން ޑޮލަރު ބޭނުން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ 1.5 މިލިއަން ޑޮލަރުން މައްސަލަ ހައްލުވާނެ ކަމަށެވެ.

ވިހި މިލިއަން ޑޮލަރުން ކުރާ ބޭނުން ސަރުކާރުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"ކުއްލިއަކަށް މިހެން 20 މިލިއަން ޑޮލަރޭ ކިޔާ ފަންޑު ފޮއްޓެއް ބަހައްޓައި، މީހުން އަތުން ފައިސާ ހޯދަނީ ކޮން ކަމަކަށްތޯ ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހޭ،" ރޮޒައިނާ ވިދާޅުވި އެވެ.

މާލެ ފެނުގެ މައްސަލާގައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ އެމްޑީޕީންގެ އަޑު ނައައްސަވާނެ ކަމަށް ރައީސް ޔާމީން އިއްޔެ ވިދާޅުވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އެމްޑީޕީއަކީ ގިނަ ބަޔަކު ތާއީދު ކުރާ ޕާޓީއެއްކަން ފާހަގަކުރައްވައި ގިނަ ރައްޔިތުން ދައްކާ ވާހަކަ އަޑު ނައައްސަސާވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވުމުމުން އެކަން އިންތި ކުށްވެރިކުރެއްވި އެވެ.

ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވައި އިއްޔެ ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ ފާހަކަފުޅަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށެވެ.