08 Dec 2014, 18:33
މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލައާ ގުޅިގެން މާލޭގައި ހިންގާ ސަރުކާރުގެ އޮފީސްތައް ބަންދު ކުރި ނަމަވެސް މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ނިންމައިފި އެވެ.
އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން އިއުލާން ކުރެއްވީ މަޖިލީހުގެ ޖަލްސާއެއް މިއަދު އޮންނާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާ ކެންސަލް ކުރުމަށްފަހު މާދަމާ 11:00 ގައި ޖަލްސާ ބޭއްވުމަށް މަޖިލީހުން ވަނީ ނިންމާފަ އެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ބަޖެޓް ދިރާސާކުރާ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ބަޖެޓް ރިޕޯޓަށް ބަހުސް ކުރުމެވެ. ކޮމެޓީން ހުށަހެޅި ބަޖެޓް ރިޕޯޓަށް 18 އިސްލާހު ހުށަހަޅާފައިވެ އެވެ. އެ 18 އިސްލާހުގެ ތެރެއިން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފާ ވަނީ ނުވަ އިސްލާހެކެވެ. އަދި ޖުމްހޫރީ ޕާޓީން ހުށަހަޅައިފައިވަނީ 9 އިސްލާހެވެ. އެމްޑީޕީގެ ފަރާތުން އެންމެ ގިނަ އިސްލާހު ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އެވެ. އަދި ޖުމްހޫރީ ޕާޓީން އެންމެ ގިނަ އިސްލާހު ހުށަހެޅީ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.