08 Dec 2014, 18:10
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ ހާލަތާ ގުޅޭ ގޮތުން، ބަންގްލަދޭޝް ސަރުކާރުން ވެދެއްވެން އޮތް އެޙީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ބަންގްލަދޭޝް ސަރުކާރުން އެ ޔަގީންކަން ރައީސަށް ދެއްވާފައި ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާ، ރައީސުލްޖުމްހޫރިއްޔާއާ މިއަދު ހެނދުނު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިހު ހަސީނާ ރައީސުލްޖުމްހޫރިއްޔާއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، މާލޭގެ މިހާރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެކަމާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވި އެވެ. އަދި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން، ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ބަންގްލަދޭޝްގެ ޚާއްޞަ މަނަވަރެއް ދިވެހިރާއްޖެއަށް ފޮނުއްވުމަށް ހަމަޖެހިވާ ކަމަށާއި މި މަނަވަރު ބުރާސްފަތި ދުވަހު ރާއްޖެއަށް ފޯރާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.'
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު އިސްވެ އެމަނިކުފާނަށް ގުޅުއްވާ ލެއްވީތީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މާލެއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ހާދިޞާގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، ބޮޑުވަޒީރު ޝައިޚް ޙަސީނާއަށާއި، ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި، އަދި ޚާާއްޞަކޮށް ވެރިރަށް މާލޭގައި ވަރަށް ގިނަ ޢަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދިރިއުޅެމުންދާކަން ފާހަގަކުރައްވަމުން، ދިވެހި ރައްޔިތުންނެކޭ އެއްފަދައިން އެފަރާތްތަކަށް ވެސް ދަތިތަކާ ކުރިމަތިވާކަން އިޙްސާސްކުރެއްވޭކަމުގައި ވިދާޅުވި އެވެ. އަދި، ސަރުކާރުން ފެން ފޯރުކޮށްދެއްވުމުގައި އެއްވެސް ތަފާތުކުރެއްވުމެއްނެތި، އެފަރާތްތަކަށް ވެސް ފެންފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.