މާލެއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަން ހައްލު ކުރުމަށް އެހީތެރިވުމަށް ފަންޑެން ހުޅުވީ އެހީތެރިވާން ބައެއް ފަރާތްތަކުން އެދޭތީ ކަމަށާއި އެއްވެސް މީހަކު ފައިސާ ނުދިނަސް ފެން ފޯރުކޮށްދޭނެ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ފެނުގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޓާސްކް ފޯހުން ފެން ބިލްޑިންގުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި މިނިސްޓަރު ނާޒިމު ވިދާޅުވީ ރައްޔިތުންނަށް ފެން ފޯރުކޮށް ދިނުމާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ.

"...ސަރުކާރުން މިކަން އިމަޖެންސީއެއް ގޮތަށް ޑެކްލެއާ ކޮށްގެން ކުރިއަށް ގެންދަނީ. އެއްވެސް މީހަކު ފައިސާއެއް ނުދިނަސް، މިކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް، އަޅުގަނޑުމެން ރައްޔިތުންނަށް ފެން ފޯރުކޮށްދޭނެ. އެކަމުގެ ސުވާލެއް ނެތް،" ނާޒިމު ވިދާޅުވި އެވެ.

ނަމަވެސް މިކަމުގައި އެއްވެސް ފަރާތަކުން އެހީތެރިވާން ބޭނުންވާ ނަމަ އެ އެހީތެރިކަމެއް ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ފެނުގެ މައްސަލަ ހައްލުކުރަން އެހީތެރިވުމަށް ފަންޑެއް ހުޅުވައިލީ އެކަމަށް އެހީތެރިވެދޭން ބައެއް ފަރާތްތަކުން އެދޭތީ ކަމަށެވެ. ފަންޑު ހުޅުވީ ޕެނަލް ބޯޑުގަތުން ފަދަ ކަން ކަމަކަށް ނޫން ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ. ނަމަވެސް މިހާ ބޮޑު އޮޕަރޭޝަނެއް ހިނގަމުން ދާއިރު އެކަމަށް ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށް ވެސް ވިދާޅުވި އެވެ.

"... އެއްވެސް ހާލެއްގައި މި ފަންޑު ހުޅުވިގެން މިކަން ކުރެވިގެން މިދަނީއެއް މި ޕެނަލް ބޯޑު ގަތުމާ ކަންކަން ކުރުމަކަށް ނޫން. އެނގިވަޑައިގަންނަވާނެ ފަދައިން މިފަދަ ބޮޑު އޮޕަރޭޝަނެއް ހިނގަމުން ދާއިރު މިކަމަށް ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާ. މިކަމަށް ޓަކައި ސިފައިންނާއި ފުލުހުންނާއި އެކި އެކި މުއައްސަސާތައް ވަނީ އެލާޓް ކުރެވިފައި. އެކަމަށް ކޮންމެ ދުވަހަކު ހިނގާ ހަރަދަކީ ވަރަށް ބޮޑެތި ހަރަދުތަކެއް. ތިޔަބޭފުޅުންނަށް ފަހަރެއްގައި ވަޒަން ނުކުރެވިދާނެ މި އޮޕަރޭޝަން މިގޮތަށް ހިނގަމުން މިދަނީ ރައްޔިތުންނާ ހަމައަށް އެންމެ އެކަށީގެންވާ ގޮތަށް ފޯރުކޮށްދެވިގެން މިދަނީ ދައުލަތުން ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެގޮތުން ހިނގާ ހަރަދު ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަން ކޮށްދެއްވަން ހެޔޮ އެދޭ ފަރާތްތައް އެބަތިބި ކަމަށެވެ. އަދި ވިދާޅުވީ ފަންޑު ހުޅުވިފައި އޮތީ ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދޭން ކަމަށާއި ކޮންމެ ދިވެހި ރައްޔިތަކު، އެ ފަންޑަށް އެހީތެރިވެދޭން ނުޖެހޭ ކަމަށެވެ. ފައިސާ ހުރި ފަރާތްތަކުން އެކަމަށް އެހީތެރިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އަޅުގަނޑުމެންނަށް ހެޔޮ އެދޭ ފަރާތްތަކުން އެބަތިބި އެކަން ކޮށްދެއްވަން. އެހެންވީމާ މިފަންޑު ހުޅުވިފައި މިއޮތީ. އެހެންވީމާ އަޅުގަނޑުމެން މި ދަންނަވަނީ ބޭނުންފުޅުވާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭށޭ. ކޮންމެހެން މިކަމުގައި ދިވެހި ކޮންމެ ރައްޔިތަކު ކޮންމެހެން މި ފަންޑަކަށް އެހީތެރިވެވަޑައިގަންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ،"
ނާޒިމު ވިދާޅުވި އެވެ.

މިހާރު މާލެއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމުގެ މައްސަލަ ސިޔާސީ ނުކުރެއްވުމަށާއި އެއީ ގައުމީ ކަމެއްގެ ގޮތުގައި ދެކުމަށް އޭނާ ގޮވައިލެއްވި އެވެ.