އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން އިސްނަގައިގެން މޭލެ އަށް ދިމާވެފައިވާ ފެނުގެ މައްސަލަ އަށް އެހީވުމަށް މާލެ އަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮންސިއުލޭޓަށް ހިލޭސާބަހަށް މަސައްކަތްކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވިއަން ސޯސަލް ކޮމިޓީ (އެމްއެސްސީ) ގެ ރައީސް އިބްރާހިމް ނަދީހު މިއަދު "ސަން" އަށް ވިދާޅުވީ މާލެ އަށް ފެން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުން ގެންދާ އެ މަސައްކަތަކީ ޓެރެވިންޑްރަމްގެ ކޮންސިއުލޭޓް އަލީ އާދަމް އިސްނަގައިގެން ޓްރެވިންޑްރަމްގެ ބޮޑެތި ހޮސްޕިޓަލްތަކުގެ އެހީތެރިކަމާ ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.


އެގޮތުން އާނަންތަޕޫރީ ހޮސްޕިޓަލުން ކޮންމެ ދުވަހަކު ވެސް މައްސަލައަށް ހައްލެއް ލިބެންދެއް އެއް ޓަނުގެ ފެން ދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންސިއުލޭޓްގެ އެދުމުގެ މަތިން އާނަންތަޕޫރީ ހޮސްޕިޓަލުން ހަދިޔާ ކުރި އެއްޓަނުގެ ފެން މިއަދު ވަނީ މޯލްޑިވިއަންގައި މާލެ ފޮނުވާލައިފައި، މި މައްސަލައަށް ހައްލެއް ލިބެންދެއް ޓްރެވިންޑްރަމްގައި ހުންނަ ކޮންސިއުލޭޓުން މަސައްކަތް ކުރާނެ، އާނަންތަޕޫރީން ވަނީ ކޮންމެ ދުވަހަކު އެއްޓަނުގެ ފެން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައި، ނިމްސް އިން ވެސް ބުނި އެހީވާނަމޭ، ދެން އިތުރު ތަންތަނުން ވެސް އެހީ ހޯދުމުގެ މަސައްކަތް އެބަކުރޭ،" ނަދީހު ވިދާޅުވި އެވެ.

ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ވަނީ މީގެކުރިން ވެސް ރާއްޖޭގައި ގައުމީ ފެންވަރެއްގައި ކުރިއަށް ގެންދާ މިފަަދަ ގިނަ މަސައްކަތްތަކެއްގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ. އެގޮތުން ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވި ފަންޑަށް އެހީވުމުގެ މަސައްކަތް ވެސް ޓްރެެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ވަނީ ކޮށްފަ އެވެ.