މީހުން އެއްވެ މުޒާހަރާ ކުރާ ތަންތަނަށް ފުލުހުން ހުސްކުރެވެން ނެތް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓީ ޖެޓީ ސަރަަހައްދުގައި މިއަދު މެންދުރު ނޫސްވެރިންނާ ބައްދަލުކުރައްވައި ސީޕީ ވިދާޅުވީ ތަންތަނަށް މީހުން އެއްވެ މުޒާހަރާތައް ކުރުމަށް ބައެއް ފަރާތްތަކުން ހިތްވަރުދެމުންދާކަމުގެ އަޑުތައް އިވެމުންދާ ކަމަށާއި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިފައި ނުވާއިރު މުޒާހަރާތަކަށް ފުލުހުން ހުސްކުރެވެން ނެތް ކަމަށް ސީޕީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަޑުއިވެމުން އެބަދޭ ތަންތަނަށް މީހުން އެއްވާން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން އަޅުގަނޑުމެންނަކަށް ނެތޭ މިކަހަލަ ދަނޑިވަޅެއްގައި ތަންތަނަށް މީހުން އެއްވާން ތަންތަނުގައި މުޒާހަރާކޮށް އެކަން ކަމަށް އަޅުގަނޑުމެންގެ މީހުން ހުސްކޮށްގެން އިންސާނިއްޔަތަކަށްޓަކައި ފޯރުކޮށްދެން އޮތް ޚިދުމަތް އެއްފަރާތް ކޮށްފައި މުޒާހަރާ ކަންކަމުގައި އަނެއްކާވެސް ބަޔަކު އެންގޭޖުކުރުވާކަށް." ސީޕީގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިނގާ ދިޔަ ކަންތައްތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"ފެނުގެ މަސައްކަތުގެ އިތުރުން ރަށުތެރެއަށް ވެސް ބަޔަކު އަޅުގަނޑުމެން ކަނޑައަޅާފައިވާނެ. އެކަމަކު އެދުވަހަކީ ދެން ތަންކޮޅެއް ނަސީބު ދެރަކޮށް ދިމާވި ދުވަހެއް. ކުއްލި ގޮތަކަށް ދިމާވި ހާދިސާތަކެއް އެދުވަހު އެބަހުރި. އެދުވަހު ޖުމުލަކޮށް ހައެއްކަ ހާދިސާ އެދުވަހު ހިނގާދިޔަ. އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދީގެން ބަލަންޖެހޭ ކަހަލަ ހާދިސާތަކެއް އެދުވަހު ހިނގާފައި އެބަހުރި. އެކަންކަމަށް ސަމާލުކަންދީ އަޅުގަނޑުމެންގެ މަސައްކަތުގެ ވައްޓަފާޅިއަށް ބަދަލުތަކެއް މިހާރުވާނީ ގެނެފައި،" ސީޕީ ވިދާޅުވި އެވެ،

މިދިޔަ ހޮނިހިރު ދުވަހު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަނީ މަރުވެފަ އެވެ. ހަމައެއާއެކު އެރޭ ދަންވަރު ޒުވާނަކަށް ކަތިވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާވެސް ވަނީ މަރުވެފައި އެވެ. އަދި މިއަދުވެސް ވަނީ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި އެވެ.