ފެންކުންފުންޏަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާފައިވާ ފަންޑަށް ޗަންޕާ ބްރަދާސްގެ ފަރާތުން 100،000 އެމެރިކާ ޑޮލަރުގެ އެހީއާއި 75 މިލިއަން ރުފިޔާގެ ލޯން އެހީއެއް ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މިއަދު "ސަން" އަށް ވިދާޅުވީ އެއްލައްކަ ޑޮލަރަކީ "މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓު ފަންޑަށް" އެ ކުންފުނިން ހަދިޔާ ކުރައްވާފައިވާ ފައިސާ ކަމަށެވެ. އަދި 75 މިލިއަން ރުފިޔާގެ ލޯނެއް ދެއްވީ ފެނުގެ މައްސަލަތަކާ ގުޅިގެން ކުރަން ޖެހޭ އެކިއެކި ހަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދެއްވުމަށް ކަމަށާއި އެ ލޯނަކީ އެއްވެސް އިންޓަރެސްޓެއް ނެތި ފޯރުކޮށްދީފައިވާ ލޯނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ނުތަނަވަސް ދަނޑިވަޅުގައި ޗަންޕާ މުހައްމަދު މޫސާ އާއި ޔުނިވާސަލްގެ ޗެއާމަން ވެދެއްވި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މާލޭގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޓަކައި ސަރުކާރުން ގާއިމްކޮށްފައިވާ ފަންޑަށް ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވެސް ވަނީ މިއަދު އެއްލައްކަ ޑޮލަރު ހަދިޔާ ކުރައްވައިފަ އެވެ.

މި ފަންޑަކީ އެމްޑަބްލިއުއެސްސީގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި މާލެ އިން ފެނުގެ ހިދުމަތް ކެނޑިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް އަންދާޒާކޮށްފައިވާ 20 މިލިއަން ޑޮލަރު ހޯދުމަށް ފެނުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އުފެއްދެވި ޓާސްކް ފޯހުން އެކުލަވާލައިފައިވާ ފަންޑެކެވެ.

މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓު ފަންޑަށް ޑޮލަރު ޖަމާކުރާ އެކައުންޓު ނަންބަރަކީ 7730000016766 އެވެ.