08 Dec 2014, 16:26
އިނގިރޭސި މިލިނަރަކު މީގެ ހަތަރު އަހަރު ކުރީން ކޭޕް ޓައުންނަށް ހަނީމޫނަށް ގޮސް އޭނާގެ އަނބިމީހާ މަރާލަން ބައިވެރިވި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ޝަރީއަތް، ވިޔަފާރިވެރިޔާ ޝަރިން ދަވާނީ،34،ގެ މައްޗަށް ސާބިތު ނުވާ ކަމަށް މިއަދު ކޯޓުން ހުކުމްކޮށްފި އެވެ.
ބީބީސީ އިން ދެންމެ ބުނީ ކެޕް ޓައުންގައި ކުރި ޝަރީއަތުގައި ފަނޑިޔާރު ޖީނެޓުލް ޓްރަވާސޯ ނިންމީ، ދަވާނީ، އޭނާގެ އަންހެނުން މަރާލި ކަމަށް ހުށަހެޅި ހެކީގައި އެވަރުގެ ސާބިތުވުމެއް ނެތް ކަމަށާއި އެހެން ކަމުން އެ މައްސަލަ ދަވާނީގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި ޓެކްސީ ޑްރައިވަރުގެ ވާހަކަތަކުގައި ފުށުއެރުން ހުރި ކަމަށާއި އެހެން ކަމާ އެކު އެ މައްްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. އަދި ފަނޑިޔާރު ވިދާޅުވީ ދަވާނީގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމާށާއި އޭނާ އަކީ ކުށެެއް ނެތް މީހެއް ކަމަށެވެ.

ދަވާނީގެ މައްޗަށް ޝަރީއަތް ހިންގީ ސުވިޑިޝް އަށް އުފަން އޭނާގެ އަންހެނުން އަނީ، 28، ނޮވެމްބަރު 10، 2010ގައި ކޭޕްޓައުންގައި މަރާލުމަށް ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އޭނާ އޭރު ވެސް އެ ދައުވާ އަށް އިންކާރު ކުރި އެވެ. އަދި ބުނަނީ އޭނާ އާއި އޭނާގެ އަންހެނުން ގުގުލުތު، ކޭޕް ޓައުންގައި ޓެކްސީއެއްގައި ދަނިކޮށް "ގަންޕޮއިންޓުގައި" ހައިޖެކް ކުރީ ކަމަށެވެ. ދަވާނީ ވަނީ އަނިޔާއެއް ނުވެ ސަލާމަތްވެފަ އެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން އޭނާގެ އަަންހެނުންގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ އެއްލާލާފައި އޮތް ކާރެއްގެ ތެރެއިންނެވެ.
އަނީ މަރާލި ކަމުގެ ކުށް ސައުތު އެފްރިކާގެ ތިން މީހެއްގެ މައްޗަށް ސާބިތުވެ 18 އަހަރާއި އުމުރު ދުވަހުގެ ޖަލު ހުކުމް ދަނީ ތަންފީޒު ކުރަމުންނެވެ.
ޓެކްސީ ޑްރައިވަރު ތަހުގީގުގައި ބުނެފައި ވަނީ އަނީ މަރާލުމަށް ދަވާނީ 1،300 ޑޮލަރު ދިން ކަމަށެވެ.
ދަވާނީ އާއި އަނީ އާ ދެ މީހުން ކައިވެނި ކުރީ ލޯބިން ނޫން ކަމަށާއި އެ ދެ މީހުންގެ ކައިވެންޏަކީ އާއިލާ އިން ކުރުވި ކައިވެންޏެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.