08 Dec 2014, 15:38
ރޭ ފަތިހު މާލޭ ބަނދަރަށް އައި ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރު ޗަން ޝިންޑާއޯ އިން މާލެއަށް ފެން ފޯރޮކޮށްދޭން ފަށައިފި އެވެ.
މާލޭ ވިޔަފާރި ބަނދަރުގެ މަގަތު ފާލަމަށް މިހާރު ކައިރިކޮށްފައި އޮތް އެ މަނަވަރުން ދުވާލަކު 90 ޓަނުގެ ފެން އުފައްދާނެ ކަމަށް އެ މަނަވަރުގެ ކޮމާންޑިން އޮފިސަރު ކޮނޯޓޮން ވިދާޅުވި އެވެ. ވިޔަފާރި ބަނދަރުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މަނަވަރު ރާއްޖެއަށް އައި އިރު އޭގައި ހުރި 600 ޓަނުގެ ފެން މިހާރު މާލެއަށް ދޫކުރަން ފަށާފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މަނަވަރު ރާއްޖެއަށް ދަތުރުކުރަމުން އައި އިރު އެއުޅަނދުގައިވާ ހުރިހާ މެޝިނަރީއެއް ތައްޔާރުކޮށް، ކުރަން ޖެހޭ މަރާމާތެއް ހުރި ނަމަ ކޮށްފައިވާ ކަމަށެވެ. އަދި އެ އުޅަނދުގައި ތިބި ހުރިހާ ސިފައިން ވެސް މާލެއަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ހާއްސަކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޗަން ޝިންޑާއޯ މަނަވަރު ރާއްޖޭގައި ހޭދަކުރާނީ ކިހާ ދުވަހެއް ވަންދެންތޯ ނޫސްވެރިއަކު ދެންނެވުމުން އޭނާ ވިދާޅުވީ ދިވެހި ސަރުކާރުން އެދޭހާ ދުވަހަކު އެ އުޅަނދު ރާއްޖޭގައި އޮންނާނެ ކަމަށެވެ.
"... އަހަރެމެންގެ މިޝަން އަހަރެމެން އެޖަސްޓް ކުރާނަން. އަދި ދިވެހި ސަރުކާރާއި ރައްޔިތުން އެދޭ ގޮތަކަށް މަނަވަރު މިތާ ބާއްވާނަން،" ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި މަނަވަރު އިސް އޮފިސަރުންނާ އެކު ހުންނަވައި ކޮނޯޓޮން ވިދާޅުވި އެވެ.
މީޑިއާއަށް މައުލޫމާތު ދެއްވުމުގެ ރަސްމިއްޔާތު ނިމުމުން މޭޖާ ޖެނެރަލް ޝިޔާމު ވަނީ ޗައިނާގެ މަނަވަރަށް އަރާ ވަޑައިގެން އެ މަނަވަރު ބައްލަވާލައްވާފަ އެވެ.
ފެން ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެނުގެ ދަތިކަން ކުރިމަތިވުމުން ފެންފޯރު ކޮށްދިނުމުގެ ގޮތުން ޗައިނާއިން ވަނީ ފުޅީގައި ބަންދުކޮށްފައިވާ ބޯފެން ވެސް ފޯރުކޮށްދޭން ފަށާފަ އެވެ. އެގޮތުން ކޮމާޝަލް އެއާލައިނާއެއް ކަމަށްވާ މެގަ މޯލްޑިވްސްއާއި ޗައިނާގެ ވައިގެ ސިފައިންގެ ބައެއް މަތިންދާބޯޓްތަކުގައި ޗައިނާއިން އަންނަނީ ރާއްޖެއަށް ފެން ފޯރުކޮށްދެމުންނެވެ.