08 Dec 2014, 15:26
ރޭ ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި އެސްޕެންޔޮލް ބައްދަލުކުރި މެޗުގައި މެސީ ބާސާއަށް ކާމިޔާބުކޮށްދިން އޭނާގެ 400 ވަނަ ލަނޑާއެކު މެޗުގެ ނަތީޖާ އަނބުރާލައި، 5-1 ގެ ނަތީޖާއަކުން ލީގު ތާވަލްގެ ދެވަނައަށް ބާސާ ޖެހިލައިފިއެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ކަމިޔާބުކޮށް މެޗުގެ ލީޑް ނަގާފައި ވަނީ ފުރަތަމަ ވަގުތުކޮޅު ރަނގަޅު ކުޅުމެއް ދެއްކި އެސްޕެންޔޮލް އެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެސްޕެންޔޮލްގެ ސާޖިއޯ ގާސިއާ އެވެ. އެ ލަނޑާއެކު ބާސާ ކުރިއަށް ޖެހިލައި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައި ވާއިރު، ބާސާގެ އުންމީދުތައް އާކޮށްދިނީ މެޗުގެ ފުރަތަމަ ހާފްގެ ފަހު މިނެޓުގައި އެ ޓީމަށް މެސީ ކާމިޔާބުކޮށްދިން އެނާގެ 400 ވަނަ ލަނޑުންނެވެ.
އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފް ނިމިފައި ވާއިރު، ދެވަނަ ހާފް ބާސާއިން ފެށީވެސް ލަނޑަކާ އެކީއެވެ. މެޗުގެ 50 ވަނަ މިނެޓުގައި ބާސާއަށް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ، މެޗުގައި ލީޑް ހޯދަދިނީވެސް މެސީއެވެ. އޭގެ ތިން މިނެޓުފަހުން ބާސާ ވަނީ އެ ޓީމްގެ ލީޑު ފުޅާކޮށްލާފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ބާސާއަށް އެ ޓީމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕީކޭ އެވެ.
މެޗުގެ ފުރަތަމަ ހާފްއާ އަޅާކިޔާއިރު، ދެވަނަ ހާފްގައި ބާސާއިން ފެނިގެން ގޮސްފައި ވަނީ ވަރަށް ތަފާތު، ހުނަރުވެރި ކުޅުމެކެވެ. ދެވަނަ ހަފްގައި ގޭމް ކޮންޓްރޯލްކުރަމުން އައި ބާސާއަށް މެޗުގައި އެ ޓީމްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމްގެ ޕެޑްރޯ އެވެ. މި މެޗުގައި މެސީ ހެދި ހެޓްރިކް އޭނާ ފުރިހަމަކޮށްފައި ވަނީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މި ލަނޑާއެކު މެޗު ނިމިގެން ގޮސްފައި ވަނީ 1-5 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި މެސީ ހެދި ހެޓްރިކަކީ މި ހަފްތާ ތެރޭގައި އެނާ ހެދި ތިންވަނަ ހެޓްރިކެވެ. އަދި މި ހެޓްރިކާއެކު އެނާ ބާސާއަށް މިހާތަނަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 402 ކަށް އަރާފައެވެ. މި މެޗުގެ ކާމިޔާބީއާއެކު ބާސާ ވަނީ މުޅިއަކު 34 ޕޮއިންޓާއެކު ތާވަލްގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. އެއީ ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެ ޕޮއިންޓު ތަފާތު އަދަދެކެވެ.