05 Apr 2010, 16:22
19:00
ކުއްލިއްޔާގެ ދަރިވަރުން މިއަދުން ފެށިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ އަރަބި ތައުލީމުގެ ދަންމަރު ނިއްވާލުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ބޮޅެއް ކަމަށް ވާދަވެރި ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އެޅުއްވި އެ ފިޔަވަޅަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ހުރި އިސްލާމީ މަތީ ތައުލީމު ދޭ އެންމެ ހައިބަވެތި މުއައްސަސާ ނައްތާލުމަށްޓަކައި ހިންގެވި ވަރަށް ނޭއްގާނީ އަމަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހިޖުރީ 15 ވަނަ ގަރުނު ފެށުނީއްސުރެ މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ކުއްލިއްޔާ އިން ފަތުރައިދެމުން ގެންދިޔަ އިސްލާމީ ތައުލީމާއި ސަގާފަތާއި ތަރުބިއްޔަތު ނޭވާހޮޅި އަށް އެޅިގެންދާނެ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ބޭރުގެ މަޝްހޫރު އެތައް ޔުނިވާސިޓީތަކެއް ގަބޫލުކުރާ، ހަ ފެކަލްޓީއެއްގެ މައްޗަށް އެކުލެވިގެން ހިނގަހިނގާ ހުރި އަރަބި އިސްލާމީ ތައުލީމުގެ މުއައްސަސާއެއް، އެ ނޫން ކޮލެޖެއްގެ އެންމެ ފެކަލްޓީއަކަށް ހަނިކޮށް ކުޑަކުރުމަކީ ހޮސްޕިޓަލެއް ހެލްތު ޕޯސްޓަކަށް ބަދަލުކުރުން ފަދަ ކަމެއް ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.
ސަރުކާރުން ކުއްލިއްޔާ ބަދަލުކުރުމަށް ނިންމިއިރު، ކުއްލިއްޔާ މުސްތަގިއްލުކުރުމުގެ ބަހުސް މަޖިލީހުގައި ކުރިއަށްދާ ކަމަށާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބިލު ގާނޫނަކަށް ވުމުން ކުއްލިއްޔާގެ މުސްތަގުބަލް ކަނޑައެޅިގެންދާނެތީ، މިވަގުތު ކުއްލިއްޔާގެ ޝަހުސިއްޔަތަށް ފުށުއަރާ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސަރުކާރުގައި ކުއްލިއްޔާގެ ދަރިވަރުންނާއި އާއްމުން އެދިފައިވާކަން ވެސް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.