08 Dec 2014, 15:14
އިންސާނިއްޔަތަށްޓަކައި ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތް ހުރިހާ ދިވެހި ރައްޔިތުންވެސް ބަލައިގަންނަނާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އަށް ދިމާވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން، ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެއްވުމަށް ޓީ ޖެޓީ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސީޕީ ވިދާޅުވީ މަސައްކަތް ކުރާއިރު ވަރުބަލިކަން އިހުސާސުނުވާ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިތަކަމަށް ދާއިމީ ހައްލެއް ލިބެންދެން ރައްޔިތުންނަށް ދަތި ނުވާގޮތަކަށް ފުލުހުން މަސައްކަތް ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް ވަނީ އެދިވަޑައިގެންފައެވެ.
"އިންސާނިއްޔަތަށްޓަކައި ދިވެހި ފުލުހުން އެކޮށްދެއްވާ މަސައްކަތަކީ މިއަދު އަޅުގަނޑުމެން އެންމެން އަދި މުޅި ދިވެހި އެންމެހާ ރައްޔިތުން އެއްކޮށް ބަލާގަންނަ މަސައްކަތެއްކަން. އަދި މި މަސައްކަތުގައިހޭދަކުރާ ވަގުތުތަކުގެ ތެރޭގައި އެންމެ ބޮޑު އެއް ސަމާލުކަމެއް ދޭންވީ މަސައްކަތުގެ ތެރޭގައި އުޅޭ މީހުންވެސް ބަލިނުވެ އަދި ވަރުބަލިކަންވެސް އިހުސާސްކުރަން ނުޖެހޭ ގޮތަށް މަަސައްކަތް ކުރުން،" ސީޕީ ހުސައިން ވަހީދު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ފުލުހުންނާއި ސިފައިން މިފަދަ ބޮޑު ގައުމީ ޚިދުމަތެއް ކުރަމުންދާއިރު ދިވެހި ރައްޔިތުންގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ. އަދި މާލޭގައި އަމާންކަން ނެތްނަމަ މިހާ ބޮޑު މަސައްކަތެއް ކުރުމަށް ދަތިވާނެ ކަމަށް ސީޕީ ވަހީދު ވިދާޅުވި އެވެ.
"މި މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލިބެމުންދޭ. ދެން އަޅުގަނޑުމެންނަށް މި މަސައްކަތް ކުރުމަށް އެންމެ ފަސޭހަވެގެން މިދަނީ ރަށުތެރެ އަމާންކޮށް ބޭއްވުމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެންދާތީ،" ސީޕީ ވިދާޅުވި އެވެ.
ދިވެހި ފުލުހުންނާއި ސިފައިންދަނީ މާލެ އަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ދިމާވެފައި ފެނުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފުލުހުންނާއި ސިފައިން ދަނީ މަލޭގެ އެކި ސަރަަހައްދުތަކުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކަށް ފެން ބެހުމުގެ މަސައްކަތްވެސް ކުރަމުންނެވެ.