08 Dec 2014, 15:08
ގދ. ފިޔޯރީ ކައުންސިލާއި އެ ރަށުގެ ޒުވާނުން އިންތިޒާމްކޮށްގެން ރަށުގެ އަވަށްތަކުގެ މެދުގައި ބާއްވަމުން އަންނަ ކުޅިވަރު މުބާރާތް 'ފިޔޯރީ އަވަށުތަކުގެ ކުޅިވަރު މުބާރާތް 2014' މިއަދު ފަށަން ހަމަޖައްސައިފިއެވެ.
ފިޔޯރީގެ ތިން އަވަށުގެ މެދުގައި ކުޅެވޭ އެ މުބާރާތުގައި މިފަހަރުވެސް ތިން އިވެންޓެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައި ވައެވެ. އޭގެ ތެރޭގައި އަންހެނުންގެ ވޮލީ މުބާރާތަކާއި ފިރެހެނުންގެ ވޮލީ މުބާރާތެއްގެ އިތުރުން ފުޓްބޯޅަ މުބާރާތެއްވެސް ހިމެނެއެވެ. ފިޔޯރިގެ ތިން އަވަށް ކަމަށްވާ ލިލީ އަވަށާއި ކަރަންކާ އަވަށް އަދި ޗާންދަނީ އަވަށުގެ މެދުގައި ކުރިއަށް ގެންދާ އެ މުބާރާތުގައި ކޮންމެ އަވަށަކުންވެސް އަންހެން ވޮލީ ޓީމަކާއި ފިރެހެން ވޮލީ ޓީމެއްގެ އިތުރުން ފުޓްބޯޅަ ޓީމެއް ބައިވެރިވެފައި ވެއެވެ.
އެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ. އަދި ފެށުމުގެ ރަސްމިއްޔާތަށްފަހު ފުޓްބޯޅަ މުބާރާތުގެ މެޗެއްވެސް ކުޅެން ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ބައްދަލުކުރާނީ ކަރަންކާ އަވަށުގެ ޓީމާއި ލިލީ އަވަށުގެ ޓީމެވެ.
ފިޔޯރީ އަވަށްތަކުގެ މެދުގައި ބޭއްވެ މި ކުޅިވަރު މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2008 ވަނަ އަހަރުއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ފިރެހެން ވޮލީ އިވެންޓުގެ ޗެންޕިއަންކަށް ހޯދާފައި ވަނީ ލިލީ އަވަށުގެ ޓީމުންނެވެ. އަދި އަންހެން ވޮލީ އިވެންޓުގެ ޗެންޕިއަންކަން ކަރަންކާ ޓީމުން ހޯދާފައި ވާއިރު، މިދިޔަ އަހަރުގެ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރީ ލިލީ އަވަށުންނެވެ.
އެ މުބާރާތުގައި ކަރަންކާ އަވަށުގެ އަންހެން ވޮލީ ޓިމުން ވަނީ އެ މުބާރާތުގެ ތަށި މީގެ ކުރިން މިލްކު ކޮށްފައެވެ. އަދި ފުޓްބޯޅަ މުބާރާތުގެ ތަށި ޗާންދަނީ އަވަށުން މިލްކުކޮށްފައި ވާއިރު، މިފަހަރުގެ ފިރެހެން ވޮލީ މުބާރާތުގެ ތަށި ލިލީ އަވަށުގެ ޓީމުން ނިކުންނާނީ މިލްކު ކުރުމުގެ އަޒުމުގައެވެ.
ފިޔޮރީގައި ބޭއްވޭ މި ފޯރިގަދަ ކުޅިވަރު މުބާރާތް ކޮންމެ އަހަރަކުވެސް ބާއްވަނީ ބޮޑު ޗުއްޓީއާ ދިމާކޮށެވެ. ފިޔޯރީ ކައުންސިލުން ބުނީ އެ މުބާރާތް ބޭއްވުމުގެ މަގުސަދަކީ ވޮލީ އާއި ފުޓްބޯޅަ ރަށުގައި ކުރިއެރުވުން ކަމަށާއި، ރަށުގެ ރައްޔިތުންގެ މެދުގައި އުފާވެރި ވެއްޓެއް ގާއިމްކޮށް އަހުލާގު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.