08 Dec 2014, 13:09
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ނައިޓް މާކެޓް ވެސް ފެށީ ކުރިން ވެސް އެންމެ ބާރަށް ވިކޭ މުދާތަކަށް އިސްކަންދީގެންނެވެ. އެ ގޮތުން މީސްމީހުންގެ ކޮނޑުމަތީގަޔާއި ސައިކަލްތަކުގައި މުޅިން ކަހަލަ ގޮތަކަށް އުފުލާތަން ފެންނުނީ ފިހިގަނޑުތަކާއި މޮޕްތަކެވެ. އެއީ ގޭގޭގައި ބޭނުންކުރާ މޮޕާއި ފިހިގަނޑު އާކޮށްލާ "ސީޒަނަކަށް" އޭރު އޮއްނަނީ ވެފަ އެވެ. އެއީ ޒަމާންވީ ހަގީގަތެވެ. ނަމަވެސް މިއަދު މިވަނީ އެ މާޒީ ބަދަލުވެފަ އެވެ. ހައްސާސީ ދަނޑިވަޅެއްގައިޖެހި ޒަމާންވީ ހަގީގަތް ބަދަލުވީ އެވެ.
މާލޭގެ ފެން ކުންފުނި އެމްޑަބުލިއުއެސްސީ އަށް ދިމާވި އަލިފާނުގެ ހާދިސާގައި، މުޅި މާލޭން ފެން ކެނޑި މާލޭގެ ރައްޔިތުން މިވަނީ ފެނަށް ޖެހިފަ އެވެ. މި ދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފެން ކެނޑުމާ ގުޅިގެން ރައްޔިތުންނަށް ފެން ދޫކުރުމުގެ ކަންތައް މާލޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ އިރު، ފެން އަޅާނެ ފުޅިއެއް، ބާލިދީއެއް ކަހަލަ އެއްޗެއް ހޯދުން ވަނީ ބުރަ މަސައްކަތަކަށްވެފަ އެވެ. މީގެ ކުރިން މަގުތަކުގައި ގިނަވެފައި ހުރި ހުސް ފުޅިތަކެއް މިހާރު ނުފެނެ އެވެ. އެ ތަކެތީގެ "ޑިމާންޑް" ވަނީ އުފުލިފަ އެވެ.

ހަގީގަތުގައި ވެސް ކުރިން އުކާލާފައި ހުރި ހުސް ފުޅިތައް މިހާރު ރަނަށް ވުރެ އަގުބޮޑުވެއްޖެ އެވެ. ފުޅިއެކޭ އެއްގޮތަށް ބާލިދީގެ ޑިމާންޑު ވެސް މިފަހަކަށް އައިސް މިވަނީ ބޮޑުވެފަ އެވެ. މީގެ ކުރިން ފިހާރަތަކުގައި ބޮޑެތި ބާލިދީ ބަރިޖަހާފައި ހުންނަތަން ފެނެ އެވެ. އެހެން ނަމަވެސް މިހާރު މާލޭގެ ފިހާރައަކުން ބާލިދީއެއް ފެންނާނީ ނަސީބުވެރިއަކަށް ކަމަށް ބުނެވިދާނެ އެެވެ. "އުނގުޅޭ ބާޒާރު"ގެ ނަމުގައި މަޝްހޫރުވެފައިވާ ބާޒާރު މިހާރު ކުރިއައްދާ އިރު، އެ ބާޒާރުގެ އެއްވެސް މޭޒަކުންް ބޮޑު ބާލިދީއެއް، ލޮލު ބޭހަކަށް ވެސް ނުފެނެ އެވެ. އެންމެ ކުދި ސައިޒުގެ ބާލިދީ ވެސް ފެންނަން ހުރީ ތިން މޭޒަކުންނެވެ. މޭޒުތައް ކައިރީގައި ތިބި ސޭޓުން ކައިރިން ބޮޑެތި ބާލިދީ ނެތްތޯ އަހާލުމުން ބުނީ "ފުރަތަމަ ރޭ ވިކި ހުސްވެއްޖެ، އެންމެ ގިނައިން ވިކުނީ ބާލިދީ،" މިހެންނެވެ.

ބާލިދީގެ ޑިމާންޑް ބޮޑުވުމުން އެފަދަ ބާލިދީތައް އެއާފްރައިޓްކޮށް، ގެނެސްގެން ވެސް ވިއްކަން ފަށާފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ. އަދި މީގެ ކުރިން 120 ނުނީ 150 ލިބުނު ބާލިދީ މާލޭގެ ފިހާރަތަކުގެ އިތުރުން މަގުމަތީ ބާޒާރުގައި ވެސް ފަހުން ވިއްކާފައި ވަނީ ބޮޑު އަގުގަ އެވެ. މަގުމަތީ ބާޒާރުގައި ބާލިދީ ވިއްކި މީހަކާ މި ދަނޑިވަޅާ ދިމާކޮށް ބާލިދީގެ އަގުބޮޑުވިތޯ ސުވާލުކޮށްލުމުން ބުނީ "ގިނައިން ވިކޭއެއްޗެއްގެ އަގު ބޮޑުވާނެ" ކަމަށެވެ.
ވިޔަފާރިވެރިން ބަޔަކު މިދަނޑިވަޅާ ދިމާކޮށް ބާލިދީ ފަދަ ތަކެތީގެ އަގު ބޮޑުކޮށްފައިވާ އިރު، ފެނުގެ މައްސަލަ ހަައްލުކުރުމައް ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯހުން އަންގާފައި ވަނީ މިހާލަތާ ދިމާކޮށް އެފަދަ ތަކެތީގެ އަގުބޮޑު ނުކުރުމަށާއި އަދި އަގުބޮޑުކޮށް ވިއްކައިގެން އޭގެން ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކާ މެދެ ފިޔަވަޅު އަޅާނެ ކަމަށެވެ.
"ބާލިދީ ފެން ފަދަ ތަކެތި އަގުބޮޑުކޮށް ވިއްކައި އޭގެން ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނަން. އެއީ ވިޔަފާރި އެއްކޮށް ބަންދުކުރުން ކަމަށް ވިޔަސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" ޓާސްކް ފޯހުގެ ލީޑަރު، ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވި އެވެ.
ހައްސާސް ހާލަތުގެ ނާޖާއިޒު ފައިދާ ނުނެގުމަށް މިދިޔަ ހުކުރު ދުވަހު ދިން ހުކުރު ހުތުބާގައި ވެސް ވަނީ އަލިއަޅުވާލާފަ އެވެ. ހުކުރު ހުތުބާގައި ބުނެފައި ވަނީ މިފަދަ ހާލަތްތަކާ ދިމާކޮށް ވިޔަފާރިވެރިން އެމީހުންގެ މުދަލުން ނާޖާއިޒު ގޮތުގައި ފައިދާ ނެގުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށެވެ.
"މިފަދަ ތަދު ދަނޑިވަޅެއްގައި، ވިޔަފާރިވެރިން އެމީހުންގެ މުދަލުން ނާޖާއިޒު ގޮތުގައި ފައިދާ ނެގުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް" ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި ދިމާވެފައިވާ ކުއްލި ހާލަތުގައި ވެސް ގިނަ ވިޔަފާރިވެރިން ބާލިދީ ނުއަގުގައި ވިއްކައިގެން އޭގެ ފައިދާ ނާޖާއިޒު ގޮތުގައި ނެގި ކަމެވެ. އަދި ބޯނެ ފެންފޮދެއް އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޮޑު އަގުގައި ގަނެގެން ނަމަވެސް ގިނަ ރައްޔިތުންތަކެއް ވަނީ ބާލިދީ ގަނެފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބާޒާރު، "އުނގުޅޭ ބާޒާރު"ގައި މީގެ ކުރިން ކާމިޔާބު ހޯދަމުން އައި ފިހިގަނޑާއި މޮޕުގެ މައްޗަށް ބާލިދީ މި ވަނީ ކުރިހޯދައިފަ އެވެ. މީގެ ކުރިން މީހުންގެ ކޮނޑު ކޮނޑު މަތީގައި އެ ތަކެތި "ރަސްކަން" ކުރި ނަމަވެސް މިހާރު އެތަކެތި ކޮނޑަށް އަރުވާލާނެ މީހަކު ނުވެ އެވެ. މިހާރު ބާރު ވޮޑުވެފައި ވަނީ ބާލިދީ އަށެވެ. އަދި ވެސް ބާލިދީގެ ބާޒާރު އޮތީ ކުރިއަށް ކަމަށް ފެނެ އެވެ.