މާލޭގެ ރައްޔިތުންނަށް ފެން ހޯދުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެން ފޯރުކޮށްދޭ ޔުނިޓްތައް ގާއިމްކޮށްފައިވާ ސަރަހައްދުތައް ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމު އުރީދޫ އިން ހަމަޖައްސައިފި އެވެ.

އުރީދޫގެ "އުރީދޫ ލޮކޭޓް" ޑިވައިސް މެދުވެރިކޮށް ދޭން ފަށާފައިވާ އެ ޚިދުމަތުގެ ދަށުން އެމްއެންޑީއެފުން ފެން ފޯރުކޮށްދޭ ސަރަހައްދުތައް ދެނެގަނެވޭނެ އެވެ.

އެގޮތުން http://track.ooredoo.mv/ ވެބްސައިޓަށް ޒިޔާރަތްކޮށް "malewatercrisis" ޔޫސާ ނަން އަދި ޕާސްވޯޑަށް ޖެހުމުން ބަލައިލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އޭގެ އިތުރުން އެމްއެންޑީއެފްގެ ފެން ސަޕްލައިކޮށްދޭ ޔުނިޓްތައް އުރީދޫގެ ކަސްޓަމާ ކެއާ ނަންބަރު، 929 މެދުވެރިކޮށް ވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިހާރު މާލެއަށް ދިމާވެފައިވާ ކުއްލި ހާލަތުގައި އުރީދޫގެ މުއައްޒަފުންވެސް ދަނީ ފެން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.