މާލޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ ފެނުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ހދ. ކުޅުދުއްފުށިން މާލެ އަށް ކަޅު ހަންތަކެއް ފޮނުވައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބް ރައީސް އައިމަން އަލީ މިއަދު 'ސަން' އަށް ވިދާޅުވީ އެ ހަންތަކަކީ އެ އަތޮޅު އަތޮޅުގެ އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމާއި ރީޖަނަލް ހޮސްޕިޓަލާއި ސަރަހައްދީ ބަނދަރާއި ކުޅުދުއްފުށީ ޖަލާއްލުއްދީން ސްކޫލް އަދި ހދ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭނުންކުރަމުން ގެންދިޔަ 27 ހަން ކަމަށެވެ.

"މާލެ އަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް އެކައުންސިލުން އެއްބާރުލުން ދިނުމުގެ ގޮތުން އެ ހަންތައް މާލެ އަށް ފޮނުވީ، އެގޮތުން އެ ހަންތައް އިއްޔެ ވަނީ މާލެ ފޮނުވައިފައި، މިއަދު އެ ހަންތައް ޓާސްކް ފޯސްއާ ހަވާލުކުރާނެ،" އައިމަން ވިދާޅުވި އެވެ.

ކުޅުދުއްފުށިން މާލެ އަށް ފޮނުވި 27 ހަމުގެ ތެރޭގައި ހިމެނެނީ 10،000 ލީޓަރުގެ އެއް ހަމާއި 5000 ލީޓަރުގެ 10 ހަމުގެ އިތުުރުން 2500 ލީޓަރުގެ 16 ހަމެވެ.