ގދ. ތިނަދޫގައި އަމިއްލައަށް ގައިގައި އަލިފާން ރޯކޮށްލި ބިދޭސީ މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެސިސްޓެންޓު މެނޭޖަރު އައިމިނަތު އަބްދުލް ހަކީމް މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު، އޭނާގެ ހާލު ސީރިއަސް ކަމުން ރޭ ދަންވަރުގެ ވަގުތުތެއްގައި އިތުރު ފަރުވާ ދިމުމަށް މާލެ ގެނެސްފައިވާ ކަމަށެވެ.

"އޭނާ ވަރަށް ސީރިއަސް. އެހެންވީމަ އޭނަ އަށް އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފްއާއި ފުލުހުންގެ އެހީގައި ރޭ ހެލިކޮޕްޓަރުގައި މާލެ ގެންދިޔައީ،" އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ބިދޭސީ މިހާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާއަށް އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ޒީނަތު ވިދާޅުވިގޮތުގައި ބިދޭސީމީހާގެ ހަށިގަނޑުގެ 80 ޕަސެންޓު ވަނީ ފިހިފައި އެވެ.

ތިނަދޫން 'ސަން' އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާ އަމިއްލައަށް ގައިގައި ރޯކޮށްލީ ގަޔަށް ޕެޓްރޯލް އެޅުމަށްފަހު ކަމަށެވެ. އަދި އޭނާ އަމިއްލައަށް ގައިގައި ރޯކޮށްލުމުން، ބަޔަކު އޭނާ މޫދަށް ކޮއްޕާލައި ވައްޓާލުމުން އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ބިދޭސީ މީހާ އަމިއްލައަށް އަލިފާން ރޯކޮށްލީ ކީއްވެގެން ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.