މުނިސިޕަލްޓީގެ ރައީސް ކަމުން ސަރަނގު އާދަމް މަނިކު އިސްތިއުފާ ދެއްވައިފި އެވެ.
އާދަމް މަނިކު ދެންމެ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ އިންތިހާބުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ކެމްޕޭންކުރެއްވުމަށް ވަގުތު ނެތުމުން ކަމަށެވެ.
އާދަމް މަނިކު އިސްތިއުފާ ދެއްވީ އޭނާ މުނިސިޕަލްޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން މާލޭ ސިޓީ ކައުންސިލަށް ވާދަކުރެރެއްވުމަކީ މައްސަލައެއް ކަމަށް ބަައެއް ފަރާތްތަކުން އަޑުއުފުލަމުން އަންނިކޮށެވެ. ނަމަވެސް އާދަމް މަނިކު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމާ އެކަމާ ގުޅުމެއް ނެތް ކަމަށާއި އެ ވާހަކަ އެ ގޮތަށް ދައްކަނީ "ޒިންމާދާރުކަމެއް ނެތް މީޑިއާ އިން" ކަމަށެވެ.

މައްޗަންގޮޅި ދެކުނުން، މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ އާދަމް މަނިކު ވިދާޅުވި ގޮތުގައި އޭނާ ސަރުކާރުގެ މަތީ މަގާމެއްގައި ހުންނެވި ނަމަވެސް ކެމްޕޭން ރަނގަޅަށް ހިނގާ ކަމަށާއި ނަމަވެސް "ރައްޔިތުންނާ ބައްދަލުކޮށް" ކެމްޕެއިން ކުރުމަށް ވަގުތު ނެތުމުން އިސްތިއުފާ ދެއްވީ ކަމަށެވެ. އަދި ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަރިހު ދައްކަވާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި ނަމަވެސް ރައީސްގެ އެދިވައިގަތުމުގެ މަތީން މަޑުކުރެއްވީ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ވާދަވެރި ގޮނޑިއަކީ މައްޗަންގޮޅި ދެކުނު ގޮނޑި އަށް ވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެ ގޮނޑިއަށް އާދަމް މަނިކާ ޑީއާރުޕީން ވާދަކުރައްވަނީ އަސްއަދު ޝަރީފެވެ. އަދި އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް އައިޝަތު ޝެރީން ވެސް އަމިއްލަ ގޮތުން އެ ގޮނޑިއަށް ވާދަކުރައްވަ އެވެ.