މިހަފްތާގެ ބާކީ އޮތް ތިން ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސިކަމުގައި ވިޔަސް އާންމުންނަށް ޚިދުމަތް ދިނުމަށްޓަކައި ބައެއް ގަޑިތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކްތައް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އާންމުންނަށް ދޭންޖެހޭ ޚިދުމަތްތައް ހުރުމުން ހެނދުނު 11:00 އިން މެންދުރުފަހު 2:00އަށް އެމްއެމްއޭއާ އާއި ބޭންކުތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.

'ސަން' އަށް މައުލޫމާތުދެއްވަމުން އެމްއެމްއޭގެ މެނޭޖަރު މީޑިއާ އެންޑު ކޮމިއުނިކޭޝަން އަހުމަދު ފަޒާލް މިއަދު ވިދާޅުވީ ހުރިހާ ބޭންކުތަކުންވެސް އެގަޑިތަކުގައި ޚިދުމަތްދޭނެ ކަަމަށެވެ. އަދި އެމްއެމްއޭއިން ދެމުން ގެންދާނީ ހަމަ އެކަނި ބޭންކިން ޚިދުމަތްތައް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ބޭންކެއްވެސް އެގަޑިތަކުގައި ޚިދުމަތްދޭނެ. ދެން އެމްއެމްއޭއިން ހިދުމަތް ދޭނީ ހަމައެކަނި ބޭންކިން ޚިދުމަތްތަކަށް އެކަނި،" ފަޒާލް ވިދާޅުވި އެވެ.

އަދި އެހެން ގަޑިތަކުގައި ވަކިވަކި ބޭންކުތައް ހުޅުވާފައި ހުންނަ ގޮތަށް ހަމަޖައްސައިފިނަމަ، އެކަން އެ ބޭންކަކުން އިއުލާން ކުރާނެ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

މީގެކުރިން އާދިއްތަ އަދި ހޯމަ ދުވަސް ބަންދު ކަމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް މިއަދު ރައީސުލުޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ތިން ދުވަހަކީވެސް މާލޭގައި ހުރި ސަރުކާރުގެ އޮފީސްތައް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖއްސަވާފައެވެ.