08 Dec 2014, 12:19
އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް 2014 ގެ ފައިނަލްގެ ފަހު ޖާގަ ގޮއިދޫ ޓީމް ހޯދައިފިއެވެ.
ގޮއިދޫ އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ އިއްޔެ ކުޅުނު ސެމީފައިނަލް މެޗުގައި 3-1 ގެ ނަތީޖައަކުން ފެހެންދޫގެ މައްޗަށް ކުރި ހޯދައިގެނެވެ. މެޗުގައި ގޮއިދޫ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައި ވާއިރު، ފެހެންދޫ ޓީމުގެ ކީޕަރު އިބްރާހިމް ފަޒީލްގެ ފަރާތުން އެ މެޗުގައި ވަނީ މޮޅެތި ސޭވްތަކެއް ފެނިގެން ގޮސްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑް ނެގީ ފެހެންދޫ ޓީމުންނެވެ. ގޮއިދޫ ޓީމްގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ސަބަބުން ލިބުނު ފުރުސަތުގެ ބޭނުންކޮށް، ފެހެންދޫ ޓީމަށް އެ މެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމްގެ އަބްދުއްސަލާމް ހާމިދު އެވެ.
ގޮއިދޫ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ދެވަނަ ހާފްގައެވެ. ގޮއިދޫ ޓީމްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމްގެ އާދަމް ނިޒާމް އެވެ. ދެވަނަ ހާފްގައި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައި ވަނީ ގޮއިދޫ ޓީމެވެ. އެ ޓީމަށް މެޗުގައި ލީޑް ހޯދަދިނީ މެޗުގެ 73 ވަނަ މިނެޓުގައި އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އެވެ. ގޮއިދޫ ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 82 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް މާޖިދު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައި ވަނީ ގޮއިދޫ ޓީމްގެ އިބްރާހިމް މާޖިދު އެވެ.
އެ ނަތީޖާއާއެކު ގޮއިދޫ ޓީމް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވާއިރު، މިއީ އެ ޓީމް އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. ފައިނަލް މެޗުގައި އެ ޓީމް ބައްދަލުކުރަން ޖެހޭނީ މިދިޔަ އަހަރު އެ މުބާރާތް ކާމިޔާބު ކުރި އެދަފުށްޓާއެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗުގައި ކެންދޫއާ ބައްދަލުކޮށް، އޭދަފުށި މެޗު ކާމިޔާބުކޮށްފައި ވަނީ 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އޭދަފުށީގެ ފިހާރައެއްކަމަށްވާ ޔޫ ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އެވެ. މި މެޗުގެ ކުޅުން ކުރިއަށް ގެންދާނި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުރިއަށް ގެންދިޔަ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.