08 Dec 2014, 11:43
މިދިޔަ ހޮނިހިރު ދުވަހު ޗެލްސީ އާއި ނިއުކާސްލް ބައްދަލުކުރި މެޗުގައި ނިއުކާސްލްއަށް ލީޑު ލިބިފައި ވަނިކޮށް ބޯޅަ ބޭރަށް ދިޔުމުން ބޯޅަ ހޮވަން ތިބި ކުދިން މެޗު ލަސްކުރަން މަސައްކަތްކުރިކަމަށް ބުނެ، ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ފާޑު ކިޔައިފިއެވެ.
މޮރީނިއޯ ބުނީ ޗެލްސީން މަސައްކަތް ކުރީ ގިނަ ވަގުތު ކުޅެވޭތޯ ކަމަށާއި، ނަމަވެސް ބޯޅަ ބޭރަށް ދިޔުމުން ބޯޅަ ހޮވަން ތިބޭ ކުދިން ބޯޅަ ހިފައްޓައި މެޗު ލަސްކުރަން މަސައްކަތް ކޮށްފައި ވާކަމަށެވެ. އަދި އެފަދަ އުކުޅުތަށް އެހާ މަތީ ފަންތީގެ ފުޓްބޯޅައިގައި ގެންގުޅޭނެ ކަމަށް އޭނާ ހީނުކުރާކަމަށާއި، އެއީ މިޒަމާނުގެ ފުޓްބޯޅައިގައި ގެންގުޅެން ވާނެ ފަދަ އުކުޅުތަކެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
"ބޯޅަ ބޭރަށް ދިޔުމުން ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ވަރަށް ލަސްވި. ގިނަ ފަހަރަށް ބޯޅަ ބޭރަށް ދިޔައިމަ ބޯޅަ ހޮވަން ތިބޭ ކުދިން ލޮލަށްވެސް ނުފެނޭ. އަދި ޗެލްސީއަށް ލިބޭ ބޯޅަތަކުގައި ބޯޅަ ހޮވަން ތިބޭ ކުދިން ބޯޅަ ހިފައްޓައިގެން ގިނަ އިރުވެސް ކުރި. ގިނަ ފަހަރަށް އެއް ބޯޅަ ދޭ އިރު ދެވަނަ ބޯޅައެއްވެސް ދަނޑުމައްޗަށް އެއްލައި. މިފަދަ އުކުޅުތައް ގެންގުޅުމުން މެޗު ވަރަށް ބޮޑަށް ލަސްވެގެން ދިޔަ. މިއީ މިޒަމާނުގެ ފުޓްބޯޅައިގައި ގެންގުޅެން ޖެހޭނެފަދަ އުކުޅުތަކެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ރެފްރީ އިތުރު ވަގުތުގެ ގޮތުގައި 20 މިނެޓު ދެއްކި ނަމަވެސް، އެވަގުތު ވެސް މެޗަށް ނުފުދޭނެ ކަމަށާއި، ލަސްކުރުމުގެ އުކުޅުތައް ގެންގުޅެފައި ވަނީ މެޗުގެ ތެރެއިން ނޫންކަމަށެވެ. އަދި ބޯޅަ ހޮވަން ތިބޭ ކުދިން ބޯޅަ ހިފައިގެން ފިލުމުން، ނުވަތަ ސަޕޯޓަރުން ބޯޅަ ހިފެއްޓުމުން ރެފްރީއަށް އެކަމުގައި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ނިއުކާސަލްގެ ހޯމް ސްޓޭޑިއަމް ސެއިންޓް ޖޭމްސް ޕާކުގައި ހޮނިހިރު ދުވަހު ޗެލްސީ އާއި ނިއުކާސްލް ބައްދަލުކުރި މެޗު ނިއުކާސްލް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އަދި މިހާތަނަށް ޗެލްސީ ކުޅުނު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އެ މެޗުގައި މޮޅުވާން ކުޅުނީ ހަމައެކަނި ޗެލްސީ ކަމަށާއި، ޗެލްސީ ބަލިވީ އޭނާ ބޭނުންވި ގޮތަށް ކަމަށެވެ.
"ޗެލްސީ ބަލިވީ އެ ޓީމް ބަލިވާން އަހަރެން އެދޭގޮތަށް. ގަދައަޅާ މަސައްކަތްކުރި ނަމަވެސް، އަހަރެންގެ ޓީމް އެރޭގެ މެޗުގައި ބަލިވީ ނަސީބު ނެތުމުން. އެ މެޗުގައި މޮޅުވާން ކުޅުނީ ހަމައެކަނި ޗެލްސީ. ނަމަވެސް ނިއުކާސްލް ޖެހި ދެވަނަ ލަނޑާއެކު ޓީމުގެ ބެލެންސް ކޮންމެވެސް ވަރަކަށް ދަށްވެގެން ދިޔަ. އެ މެޗުން ޕޮއިންޓެއް ލިބުން ޗެލްސީއަށް ހައްގު،" މޮރީނިއޯ ބުންޏެވެ.
މި ސީޒަންގެ ފުރަތަމަ ނާކާމިޔާބީއާއެކު އެއްވެސް މެޗަކުން ބަލިނުވެ ސީޒަން ނިންމާލުމުގެ އުންމީދު ޗެލްސީއަށް ގެއްލިފައި ވާއިރު، އެ ޓީމް އަދިވެސް އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. މިހާތަނަށް މި ސީޒަންގައި 15 މެޗު ކުޅުނު ޗެލްސީ ވަނީ އޭގެ ތެރެއިން 11 މެޗު ކާމިޔާބު ކޮށް، ތިން މެޗުން އެއްވަރުވެ، މުޅިއަކު 36 ޕޮއިންޓު މިފަހަރުގެ ލީގުގައި ހޯދާފައެވެ.