08 Dec 2014, 11:47
މެނީލާ (ޑިސެމްބަރު 8): ގަދަ ވަޔާއި ވިއްސާރައާ އެކު ފިލިޕީންސް އަށް އިއްޔެ އެރި ހަގޮޕިޓް ތޫފާންގެ ސަބަބުން ތިން މީހުން މަރުވެ 1. 2 މިލިޔަން މީހުން ހާލުގައިޖެހި މާއްދާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެކަން އެގައުމުން ހާމަކޮށްފި އެވެ.
ފިލިޕީންސްގެ މޫސުމާބެހޭ އިދާރާ ބުނާ ގޮތުން ހަގޮޕިޓް ތޫފާން އެގައުމަށް އެރީ ގަޑިއަކު 175 ކިލޯމީޓަރުގެ ގަދަ ވަޔާއެކުގައެވެ. ސަތޭކަ ހަތްދިހަ ފަސް ކިލޯ މީޓަރުގެ ގަދަ ވަޔާ އެކު ހަގޮޕިޓް ތޫފާން ފިލިޕީންސްގެ އިރުމަތީގެ ސަރަހައްދެއް ކަމަށްވާ ސަމާރާއެރުމަށް ފަހު މިހާރުވަނީ އޭގެ ބާރު ކޮންމެވެސް ވަރަކަށް ކުޑަވެފަ އެވެ. ނަމަވެސް އަދިވެސް ބާރަށް ވައިޖެހޭ ކަމަށާއި ގައުމުގެ ބޮޑުބަޔަކަށް މިތޫފާންގެ އަސަރުކޮށްފައިވާ އިރު މިއަދު ވެެސް ބޯކޮށް ވާރޭވެސް ވެހޭކަމަށް ފިލިޕީންސްގެ މޫސުމާބެހޭ އިދާރާ އިން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަގޮޕިޓް ތޫފާންގެ ސަބަބުން މުޅި ފިލިޕީންސް ވަނީ ދޮވެލާފަ އެވެ. މި ތޫފާންގެ ސަބަބުން ލިބުނު މާއްދީ ގެއްލުތަކުގެ ތެރޭގައި އެތައް ހާސް ގެއެއް ހަލާކުވުމާއި ކަރަންޓާއި މުވާސަލާތުގެ ވިޔުގަތައް ހަލާކުވުން ހިމެނެ އެވެ. ފިލިޕީންސްގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ކުރަމުން ގެންދާ ކަމުުގަ އެވެ. ނަމަވެސް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހެމުންދާތީ މިކަމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެއިދާރާ އިން ބުނެ އެވެ.
މިދިޔަ އަހަރުވެސް ފިލިޕީންސަށް ބާރުގަދަ ތޫފާނެއް އަރާފައިވެ އެވެ. ހަޔާން ނަމަކަށްކިޔާ އެތޫފާންގެ ސަބަބުން ފިލިޕީންސްގެ އެތައް ހާސްބަޔަކު މަރުވެ އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ މާއްދީ ގެއްލުންތައް ލިބިފައިވެ އެވެ. (އަލްޖަޒީރާ)