08 Dec 2014, 11:13
މާލެ އަށް ދިމާވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން، އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ގެނައުމަށް މި ހަފްތާގެ ކުރިއަށް އޮތް އަންގާރަ ބުދަ އަދި ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަމަޖައްސައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ ތިން ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅީ އެމްޑަބްލިއުއެސްސީގައި މި މަހުގެ 4 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މުޅި މާލެ އިން ފެނުގެ ހިދުމަތް މެދުކެނޑި، އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކަކާ ރައްޔިތުން ކުރިމަތިލާންޖެހިފައިވުމާ ގުޅިގެން ކަމަށެވެ.
ސަރުކާރުން ހަމަޖައްސަައިފައި ވަނީ ހަމައެކަނި މާލޭގައި ހުރި އޮފީސްތައް ބަންދުކުރުމަށެވެ.
މިގޮތަށް ހަމަޖެއްސެވި ކަމަށް ވިޔަސް، އެ ތިން ދުވަހު ހެނދުނު 10:00ން މެންދުރު ފަހު 1:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހުޅުވާފައި ބަހައްޓަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.
މީގެކުރިން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާފައި ވަނީ މި ހަފްތާގެ އާދިއްތަ އަދި ހޯމަ މި ދެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެވެ.