08 Dec 2014, 11:44
ދިމިޝްގު (ޑިސެމްބަރު 8): އިސްރާއީލުން ސީރިޔާއަށް ވައިގެ ޙަމަލާތަކެއްދީފި އެވެ.
ސީރިޔާގެ ރަސްމީ ނޫސްއެޖެންސީ (ސާނާ) ބުނީ ޒަޔަނިސްޓް އިސްރާއީލުން ސީރިޔާގެ ވައިގެ ސަރަހައްދަށް ގަވައިދާ ޚިލާފަށްވަދެ ދިމިޝްގުގެ ކައިރީގައިވާ ދެސަރަހައްދަކަށް ރޭ އިރާކޮޅުގެ ވަގުތެއްގައި އުދުވާނީ ޙަމަލާތަކެއް ދީފައިވާ ކަމުގަ އެވެ.
އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކުގެ އިތުރުން ސީރިޔާގެ ބައެއްބިންތަކާއި އުރުދުންގެ ބައެއް ބިންތައް ވެސް ގަދަބާރުން ހިފައިގެން އޮވެ ސޫރިޔާއާއި ލުބްނާނުފަދަ އަވަށްޓެރި އަރަބި ގައުމުތަކަށް އުދުވާނީ ޙަމަލާތައް ދީ ހަރުކަށި އަމަލުތައް ހިންގުމުގެ ދިގު ތާރީޚެއް އޮންނަ އިސްތިޢްމާރީ ގައުމެކެވެ. ސީރިޔާ ސަރުކާރުގެ ރަސްމީ މީޑިޔާ ބުނާގޮތުން އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ރޭ ޙަމަލާތައް ދީފައި ވަނީ ދިމިޝްގުގެ ކައިރީގައިވާ އައްދީމާސް ސަރަހައްދަށާއި ދިމިޝްގު އިންޓަނޭޝަނަލް އެއަރޕޯޓް ސަރަހައްދަށެވެ.
މި ޙަމަލާތަކުގައި މީހަކު މަރުވެފައިނުވާ ކަމަށް ސޫރިޔާގެ މީޑިޔާއިން ކަށަވަރުކޮށްދިން ނަމަވެސް މި ޙަމަލާތަކުން މާއްދީ ގެއްލުންތަކެއް ލިބުނުކަން ނުވަތަ ނޫންކަން ހާމަކޮށްފައެއް ނުވެ އެވެ. އިސްރާއީލުން ރޭ ސީރިޔާއަށް ވައިގެ ޙަމަލާތަކެއްދިންކަން ސީރިޔާ ސަރުކާރާ އިދިކޮޅު ޖަމްއިއްޔާއެއް ކަމަށްވާ "ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިންވެސްވަނީ ކަށަވަރުކޮށްދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުގެ އުދުވާނީ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ދިމިޝްގުގެ ކައިރީގައިވާ ސީރިޔާ ސިފައިންގެ އަސްކަރީ މަރުކަޒު ތަކަށެވެ.
އިސްރާއީލަކީ 1967 ވަނަ އަހަރުން ފެށިގެން ސީރިޔާގެ މުހިއްމު އަދި ސްޓްރެޓީޖިކް ސަރަހައްދެއް ކަމަށްވާ ގޯލާންގެ އުސްބިންތަކަށް ގަދަބާރުން ވެރިވެގަނެ އެބިންތައް ހިފައި އެބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޣައިރު ގާނޫނީ އަމަލުތަކެއް ހިންގަމުން ގެންދާ ހަރުކަށި އުދުވާނީ ގައުމެކެވެ. އަދި އެކިފަހަރުމަތިން ސީރިޔާއަށް ވައިގެ މަގުން ޙަމަލާތައް ދިނުމަކީ އިސްރާއީލު ހިންގަމުން ގެންދާ ޖަރީމާއެކެވެ. މިއަހަރުގެ މާޗް މަހުގެ ތެރޭގައާއި މޭ މަހުގެ ތެރޭގައި ވެސް އިސްރާއީލުން ސީރިޔާއަށް ވައިގެ ޙަމަލާތައްދީ އުދުވާން ހިންގާފައިވެ އެވެ. އަދި 2006 ވަނަ އަހަރާއި 2008 ވަނަ އަހަރާ އަދި 2010 ވަނަ އަހަރުގައިވެސް އިސްރާއީލުން ސީރިޔާ އަށް ވައިގެ ޙަމަލާތައް އެކިފަހަރުމަތިން ދީފައިވެ އެވެ.
ރޭ އިރާކޮޅު އިސްރާއީލުން ސީރިޔާއަށް ދިން ވައިގެ ޙަމަލާތަކުގެ ޒިންމާ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ ސަރުކާރުން އުފުލާފައެއްނުވެ އެވެ. އިސްރާއީލުން ބުނީ ސީރިޔާއަށް ޙަމަލާތައްދިންކަމަށް ބުނާ ރިޕޯޓްތަކަކީ ބޭރުގެ ރިޕޯޓްތަކެއް ކަމަށާ އެރިޕޯޓްތަކަށް ކޮމެންޓް ކުރަންބޭނުންނުވާ ކަމުގަ އެވެ. (އަލްޖަޒީރާ)