07 Dec 2014, 23:18
މާލެއަށް ދިމާވެފައިވާ ފެން ލިބުމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑެއް ހުޅުވައިފި އެވެ.
މާލެއަށް ދިމާވެފައިވާ ފެންލިބުމުގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކުލަވާލައްވާފައިވާ ޓާސްކް ފޯސްގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ "މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓު ފަންޑު" ގެ ނަމުގައި މިހާރު ފަންޑެއް ހުޅުވާފައިވާ ކަމަށެވެ.
ސަރުކާރުން ބުނެފައި ވަނީ އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުތަކަށް ލިބުނު ގެއްލުން ކުރިން ހުރި ހާލަތައް ރުޖޫއަ ކުރުމަށް 20 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެ ފައިސާ ހޯދުމަށް މިރޭ ގާއިމްކުރި ފަންޑަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަށް ހުޅުވާލާފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން އެހީގެ ފައިސާ ޖަމާކުރާނެ އެކައުންޓު ނަންބަރުތައް ވެސް ޓާސްކް ފޯސް އިން ވަނީ އިއުލާންކޮށްފަ އެވެ.

މިހާތަނަށް ފައިސާގެ އެހީދީފައިވާ ފަރާތްތަކުގެ ތެރޭގައި ޗައިނާ ސަރުކާރާއި ސައުދީ އަރަބިޔާގެ ވިޔަފާރިވެރިޔަކު ހިމެނެއެވެ.