ދެކުނު އޭޝިއާގެ 8 ގައުމުގެ އެންމެ އިސް ވެރިންގެ ބައްދަލުވުން ނުވަތަ ސާކް ސަމިޓް މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގައެވެ. މި ސަމިޓް ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ބުނެވެނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑު އަތޮޅުގައެވެ.

އައްޑު އަތޮޅުގައި މި ސަމިޓް ބާއްވާނެ ކަމަށް ނުވަތަ ބޭއްވޭނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިޔަ ކަމަށް ވިއަސް މިއީ ހަގީގަތަކަށް ވެދާނެ ކަމެއް ކަމާ މެދު ސުވާލު އުފެދޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އަދި މި ސަމިޓް އެ އަތޮޅުގައި ބޭއްވުނަސް ޚަރަދުގެ ގޮތުން ބަލާއިރު މިއީ މިފަދަ ދަނޑިވަޅެއްގައި އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭ ހޭދައަކަށް ނުވާނެ ކަމުގެ ފިކުރު ވެސް ވަރަށް ބޮޑެވެ.

އަހަރު ފެށިގެން އެއް މަސް ފާއިތުވެގެންދާ އިރު މި ސަމިޓަށްޓަކައި ކުރަން ޖެހޭ މަސައްކަތް އަދި ވެސް އޮތީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައެވެ. މި ސަމިޓަށްޓަކައި، ދެކުނު އޭޝިއާގައި ގާއިމުކުރެވޭ އެންމެ ޒަމާނީ އަދި އެންމެ ފެންވަރު ރަނގަޅު ކޮންވެންޝަން ސެންޓަރު އައްޑު އަތޮޅު ހިތަދޫގައި ބިނާކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެކަމަށްޓަކައި ބިމެއް ވެސް ވަނީ ޚާއްސަ ކުރެވިފައެވެ. އެބިމުން އަދި ފެންނަނީ ބޯ ޖަންގައްޔަކާއި ޗަސް ބިމެއްގެ އަސަރުތަކެވެ.

ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެން ވިއަސް ކޮންވެންޝަން ސެންޓަރެއް ބިނާ ކުރެވިދާނެއެވެ. އެއީ ނުކުރެވޭވަރުގެ ކަމެއް ނޫނެވެ. އެވަރުގެ ބޮޑު ހޭދައެއް ކޮށްގެން ކޮންވެންޝަން ސެންޓަރެއް އަޅައި އެތަނުގައި ސަމިޓު ހުޅުވުމުގެ ޖަލްސާއާއި ނިންމުމުގެ ޖަލްސާ ބޭއްވިދާނެއެވެ. އެހިސާބުން ދެން އެސެންޓަރު ތަޅާލާނީ ބާވައެވެ؟ ނޫނެކެވެ. އެއީ ތަޅާލަން އަޅާ ތަނެއް ނޫނެވެ. އެކަމަކު ތިން ސަތޭކަ މިލިއަނެއްހާ ރުފިޔާގެ އަގު ބޮޑު މި ސެންޓަރުން ދެން ކުރާނެ އެހެން ބޭނުމެއް އަދި ފެންނާކަށް ނެތެވެ. ރާއްޖޭގައި ބޮޑެތި އެއްވުންތައް ބާއްވަން ބޭނުންވާ ދޭސީންނާއި ބިދޭސީން އައްޑު އަތޮޅަށް ގޮސް ކުލި ދީފައި މި ސެންޓަރުގެ ބޭނުން ހިފާނެ ދުވަހެއް އަދި ލަފާ ކުރާކަށް ވެސް ފަސޭހައެއް ނޫނެވެ. ބޭނުން ކުރިއަސް އަދި ނުކުރިއަސް މިސެންޓަރު ބަލަހައްޓަން ޖެހޭނެއެވެ. އެކަމަށްޓަކައި މުވައްޒަފުން ވެސް ގެންގުޅެން ޖެހޭނެ އެވެ. މިއީ ހަމަ ހައްތާވެސް ޚަރަދެވެ.

ކޮންވެންޝަން ސެންޓަރު އަޅަން ހަމަޖައްސާފައިވާ ސަރަހައްދާ ޖެހިގެން އެ އޮތީ ވަރަށް ކުރީއްސުރެ ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމަށްޓަކައި އުސްކޮށް ވަށާ ފާރު ރާނައި ވަކިކޮށްފައިވާ ބިމެކެވެ. އެފަދަ ތަނެއް އަދި ނޭޅިގެން އުޅެނީ އޭގެ ބޭނުން ކުރާނެ މީހުން މަދުވެގެންނެއް ނޫނެވެ. ރިހެބެއްގެ މުހިންމުކަން ކުޑަ ވެގެންނެއް ވެސް ނޫނެވެ. ހަމަ ފައިސާ ނެތީއެވެ. މިފަދަ ހާލަތެއްގައި ދެކުނު އޭޝިއާގެ އެންމެ ފެންވަރު ރަނގަޅު ކޮންވެންޝަން ސެންޓަރު އެތަނާ ޖެހިގެން އަޅައި، އޭގެ ވަށައިގެން ގިރިޓީ އުރައެއް ލައްވައިގެން ތިބެ، ރިހެބުގެ އެތެރޭގައި ފަޅައި ހެދި ބޯވަމުންދާ ޖަންގައްޔަށް ބަލަން ތިބުމަކީ ވަރަށްވެސް ހެއްވާ ކަމަކަށް ވާނެއެވެ.

ކޮންވެންޝަން ސެންޓަރެއް އެޅިއަސް އަދި ސަމިޓެއް ނުބޭއްވޭނެއެވެ. ސަމިޓަށްޓަކައި އަތޮޅަށް ދާ އެންމެނަށް ތިބެވޭނެ ގޮތާއި ކެވޭނެ ބޮވޭނެ ގޮތް ވެސް ތަނަވަސްވާން ޖެހެއެވެ. ޝަންގްރިއްލާއާއި އަމާރީ ހެރެތެރެ އެ އަތޮޅުގައި އޮތުމުން އެއްފަހަރާ ބާރަސަތޭކައެއްހާ މީހުންނަށް މި ދެތަނުގައި ކައިގެން ބޮއެގެން ތިބެވިދާނެއެވެ. އެކަމަކު މި އެންމެން ކޮންވެންޝަން ސެންޓަރަށް އައިސް ގޮސް ވާނީ ކޮން ގޮތަކަށް ބާވައެވެ؟ ދައްޗެއް ނެތި މިކަން ކުރެވޭ ވަރަށް ލޯންޗް ފަހަރާއި ހެލިކޮޕްޓަރު އެބަހުރި ބާވައެވެ؟ މި ވަރުގެ ސަމިޓަކަށް އަންނަ ނޫސްވެރިން ބޭނުންކުރާނެ މީޑިއާ ސެންޓަރެއްގައި ހުންނަން ޖެހޭނެ ފެންވަރާ މެދު އެއްވެސް މީހަކު ޚިޔާލުކޮށްފައި ވޭ ބާވައެވެ؟ ވާދަވެރި ހަތުރުވެރި ގައުމުތަކެއްގެ ވެރިން އެއްވާ ތަނެއްގައި ސަލާމަތީ ނިޒާމެއް ގާއިމު ކުރެވިފައި ހުންނަން ޖެހޭނެ މިންވަރާ މެދު ވިސްނާލެވިފައި ވޭ ބާވައެވެ؟

މިހިރީ ހައްތާވެސް އުފެދޭ ސުވާލުތަކެވެ. މި ސުވާލުތަކަށް އެކަށޭނަ ޖަވާބު ލިބެމުން ނުދާތީއާއި، މަންޒަރުތައް އެނބުރެމުން ކުލަ ބަދަލުވަމުންދާ ގޮތުން އިތުރު ވަހުމްތަކަށް ޖާގަ ލިބެއެވެ.

ވެށިފަހި މާލޭގެ މަޝްރޫއަކުން ލިބޭނެ ގޯއްޗާއި ފްލެޓްގެ އުއްމީދާއި ކޮއްލަވާނީގެ ހުވަފެންތަކަށް، ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ މީހުން ގެނބެމުންދަނީއެވެ. ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށީގެ ރައްޔިތުން އެދަނީ ކެބިނެޓްގެ ބައްދަލުވުމެއް އެރަށުގައި ބާއްވައި، ވެރިރަށެއްގެ އިހުސާސް ހިނދުކޮޅަކަށް ނަމަވެސް ކުރުމަށް ތައްޔާރުވަމުންނެވެ. އެންމެ ދެކުނުން އައްޑު އަތޮޅުގެ ރައްޔިތުން ދެކެމުން އެދަނީ އެތައްސަތޭކަ މިލިއަން ރުފިޔާ އެ އަތޮޅުގެ ތެރެއަށް ހޭދަވެގެންދާނެ ތާރީޚީ ސަމިޓެއްގެ ހުވަފެންތަކެވެ.

ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ބައެއް ބެހިގެން ގޮސްފައި ވަނީ މި ތިން ސަރަހައްދަށް ކަމުގައިވާތީ މިކަހަލަ ހުވަފެންތަކުން ސަރުކާރު ހިންގަން ތިބޭ ބަޔަކަށް ހާދަހާވާ ބޮޑު ލުޔެއް ލިބޭނެއެވެ. ޚާއްސަކޮށް އިންތިޚާބެއް ނަގައި ބޯމަތިވެފައި އޮންނަ ދުވަސްވަރެއްގައި ސަރުކާރަށް ލިބޭނެ މަންފާ ނުހަނު ބޮޑުވާނެއެވެ.

އެއްބަހެވެ. ކުރަން އުޅޭ ބަޔަކަށް ކަންތައް ވާނެއެވެ. ކުރެވޭނެއެވެ. އެކަމަކު ރައްޔިތުން ބޭނުންވަނީ ރިކޯޑްތަކެއް ގާއިމްކުރަން، ނުވަތަ ތާރީޚުގައި ލިޔަން ޖެހޭ ވަރުގެ އާ ކަންތަކެއް ކުރާތަން ދެކޭކަށެއް ނޫނެވެ. ބޭނުން ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒު ހިފެވޭ ކަންތައްތަކެވެ. އަސާސީ ބޭނުންތަކާއި އެއާ ގުޅިފައިވާ އެނޫންވެސް ކަންތައްތަކެވެ. މިލިއަނުން މިލިއަނުން ޚަރަދު ކުރަން ޖެހެނީ މި ޒާތުގެ ކަންތައްތަކަށެވެ.