މި މަހުގެ ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް އެމްޑަބްލިއުއެސްސީގެ ބޯޑުން ނިންމާފައިވާ ކަމަށް، މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ޓާސްކް ފޯސްގެ ޗެއާ، އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ބޯޑުން އެގޮތަށް ނިންމުމާ އެކު މި މަހުގެ ފެން ބިލްގެ 30 ޕަސެންޓަށްވާ ފައިސާ ރައްޔިތުން ދައްކާކަށް ނުޖެހޭނެ ކަމަށެވެ.

"އެއީ ޑިސެމްބަރު މަހު މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައި. އެހެންކަމުން އެ މަހުގެ ބިލްގެ 30 ޕަސެންޓް ފައިސާ ދައްކަވާކަށް ޖެހިވަޑައިނުގަންނަވާނެ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ނާޒިމް މިރޭ މިހެން ވިދާޅުވެފައިވާ އިރު އެމްޑަބްލިއުއެސްސީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ފެން ލިބުމުގެ މައްސަލަ ހައްލުވަންދެން، ފެނުން ބިލް ނުކުރާނެ ކަމަށެވެ.

"މި މައްސަލަ މުޅިން ހައްލުވަަންދެން މި މުއްދަތުގައި ދޫކުރެވޭ ފެނުން ބިލް ނުކުރާނޭ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށް ޓަކައި ދަންނަވަމެވެ." އެމްޑަބްލިއުއެސްސީން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ފެން ޕްލާންޓުތަކުން އެކަށީގެންވާ ގޮތެއްގައި މިހާރު ފެން އުފެއްދެމުންދާ ކަމަށާއި މިއީ ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި "އިތުރު ޕްލާންޓުތަކުގެ މަސައްކަތް ކުރެވި" މިރެއާއި މާދަމާ އެކީގައި ފެން އުފެއްދުން އިތުރުކުރެވިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ޓެކްނީޝަނުން ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިރޭ 10:00 އިން ފެށިގެން 12:00 އަށް ފެންދޫކުރެވޭނެ ކަމަށާއި އަދި މާދަމާ ހެނދުނު 8:00 އިން ފެށިގެން 10:00 އަށް ފެން ދޫކުރެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ދެން މިގޮތަށް ފެންދޫކުރެވޭއިރު ވެސް އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެންނަށް މިއަދު ދިމާވި ކަހަލަ ކުދިކުދި ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ކަމުގެ ވާހަކަ. އޭގެތެރޭގައި ދެވަނަ ފްލޯއިން ފެށިގެން މައްޗަށް ފެން ނޭރުން ފަދަ ކަންކަން ދިމާވުމަކީ ހަމަ އެކަށީގެންވާ ކަމެއް،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަފާކުރެވޭ ގޮތުގައި ދެވަނަ ބުރިން މައްޗަށް ދެ ދުވަސް ފަހުން ފެންލިބޭވަރުވާނެ ކަމަށެވެ.