07 Dec 2014, 22:23
ގދ. ތިނަދޫގައި ބިދޭސީއަކު އަމިއްލައަށް ގައިގައި އަލިފާން ރޯކޮށްލުމުން ހަށިގަނޑުގެ ބޮޑުބައެއް ފިހިއްޖެ އެވެ.
މިރޭ 9:20 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ފިނުހު މީހާއަށް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު އައިމިނަތު އަބްދުލް ހަކީމް "ސަން"އަށް މިރޭ ވިދާޅުވީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާ މިހާރު އޮތީ އައިސީޔޫގައި ކަމަށެވެ.
"އޭނާގެ ހަށިގަނޑުގެ 80 ޕަސެންޓާއި 90 ޕަސެންޓް ވަނީ ފިހިފައި. އެއީ މި ރަށުގައި އުޅޭ މީހެއް ކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. އަލިފާން ރޯވެފައި ހުއްޓާ، ބަޔަކަށް ފެނިގެން ހޮސްޕިޓަލަށް ގެނައީ،" ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު ވިދާޅުވި އެވެ.
ތިނަދޫން ވާހަކަ ދެއްކި މީހަކު "ސަން"އަށް ބުނީ އެ ބިދޭސީ މީހާ އަމިއްލަ ގައިގައި ރޯކޮށްލީ ގަޔަށް ޕެޓްރޯލް އެޅުމަށްފަހު ކަމަށެވެ. އަދި އޭނާ އަމިއްލަ ގައިގައި ރޯކޮށްލުމުން، ބަޔަކު އޭނާ މޫދަށް ކޮއްޕާލައި އަލިފާން ނިއްވާލި ކަމަށް އޭނާ ބުންޏެވެ.
ބިދޭސީ މީހާ އަމިއްލަ ގައިގައި އަލިފާން ރޯކޮށްލި ސަބަބެއް ނޭނގެ އެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.