07 Dec 2014, 21:11
މާލޭގެ ގޭބީސީތަކުން ފެން ކެނޑި، މާލެ ފެނަށް ޖެހިފައިވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައި ދިނުމަށް ސަލާމަތީ ބާރުތަކުން ކުރާ މަސައްކަތަށް އެސްޓީއޯގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ވެހިކަލް ދޫކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ، މާލެ ފެނަށް ޖެހުނު ދުވަހުން ފެށިގެން އެ ކުންފުނީގެ 100 އަށްވުރެ ގިނަ މުވައްޒަފުން މާލޭގެ އެކި ސަރަހައްދުތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އެ ކުންފުީގެ 12 ވެހިކަލެއް ޑްރައިވަރުންނާއެކު ފެނުގެ ހިދުމަތަށް ނެރެފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ފެނުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި އިސްކުރު ބަރިތަކެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އަދި އެތަނުން ދޫކުރާ ފެން ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެއް ލައްކަ ތިރީސް ހާސް މީހުންގެ އާބާދީއެއް އޮންނަ މާލެއިން ފެނުގެ ހިދުމަތް ކެނޑުނުތާ މިއަދަށް ހަތަރު ދުވަސްވީ އެވެ. މާލޭގެ ގޭބީސީތަކަށް ދޫކުރަމުންދިޔަ ފެނުނުގެ ހިދުމަތް ކަނޑާލަން ޖެހުނީ މިދިޔަ ބުރާސްފަތި ދުވަހު އެމްޑަބްލިއުއެސްސީގެ ފެން ޕްލާންޓްތަކުގެ ޕެނަލުތަކެއްގައި ރޯވެ، ފެން އުފެއްދޭ ވަރަށް ކަރަންޓް ނުދެވުމުންނެވެ.