07 Dec 2014, 19:53
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމްޑަބްލިއުއެސްސީ އަކީ 1980 ގެ އަހަރުތަކުގެ ތެރޭގައި އުފެދިފައިވާ ކުންފުންޏެއް ކަމަށާއި އޭރުގެ ހާލަތާ މިހާރުގެ ހާލަތާ އަޅާ ބަލާއިރު ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ.
"މިއީ 1980 ގައި އައިސްފައިވާ ކުންފުންޏެއް. އޭރު ކުންފުނި ޑިޒައިން ކޮށްފައިއޮތް ގޮތާއި އޭރު މާލޭގައި ތިބި ރައްޔިތުންގެ އަދަދާ މިއަދު މާލޭގައި ރައްޔިތުން ތިބި އަދަދާ އަޅާ ބަލާއިރު ބަދަލުތަކެއް އަންނަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ދިމާވެފައިވާ ދަތިކަމުގެ ތެރެއިން ވެސް މާލެއަށް ވީހާވެސް ގިނައިން ފެން ދޫކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ހަތަރުގަޑިން ހަތަރުގަޑިން ނަމަވެސް ފެން ދޫކުރަން މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ވަރަށް އުނދަގޫ ހާރިޖީ ގުޅުންތަކެއް އޮތް ދުވަސްތަކަކަށް ފަހުވެސް މިއަދު މި ދިމާވި ހިތްދަތިކަމުގެ ދުވަސްތަކުގައި، ދުނިޔޭގެ އެކި ހިސާބުތަކުންނާއި ރާއްޖޭގެ ވިޔަފާރުވެރިންނާއި އެނޫންވެސް ފަރާތްތަކުން އެހީ ފޯރުކޮށްދެމުން އަންނަ ކަމަށާއި އެކަމަށްޓަކައި އެފަރާތްތަކަށް އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ އެއްބައިވަންތަކަން ދައްކަންވީ ދުވަސްވަރެއް ކަމަށާއި މި ދަނޑިވަޅުގެ ނާޖާއިޒު ފައިދާ އެއްވެސް ބޭފުޅަކު ނުނެންގެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ފެންކުންފުންޏަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ނާޖާއިޒު ފައިދާ ނެގުމަކީ ރައްޔިތުންގެ ހައްގުގައި ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.