07 Dec 2014, 18:59
ފެން ކުންފުނި، އެމްޑަބްލިއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއަށް ފެން ލިބުމުގައި ދިމާވެގެން އުޅޭ މައްސަލައަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެކަން ސިޔާސީ ނުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން މިއަދު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލާގައި އެއްވެސް ފަރާތަކުން ނާޖައިޒް ފައިދާއެއް ނުނެގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިހާރު ދިމާވެފައިވާ މައްސަލައަކީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއަށް ދިމާވެގެން އުޅޭ މައްސަލައެއް ކަމަށާއި އެއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.
"އެއްވެސް ފަރާތަކުން މި ދަނޑިވަޅުގެ ބޭނުން ނާޖާއިޒު ގޮތުގައި ނުހިފަން އަޅުގަނޑު އިލްތިމާސް ކުރަން. މިއީ ސިޔާސީ ކަމެއް ނޫން. އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ފެނަށް ދިމާވެފައިވާ މައްސަލަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާލަތުގައި ރައްޔިތުން ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ކެތްތެރިކަމާއެކު މިހާރުވެސް ތިއްބެވި ގޮތަށް ކުރިއަށް އޮތް ތާނގައި ވެސް ތިއްބަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން އަޅުގަނޑުމެން ބޭނުމެއް ނޫން، ރާއްޖޭގައި ބަލި މަނޑުކަމެއް ފެތުރޭކަން. ކުނިގޮނޑުން ހުސް ފުޅިނަގައިގެން ދޮވެގެން ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަމުން މި ދަނީ ފެން ރައްކާކުރާނެ އެއްޗެހިތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.