07 Dec 2014, 18:29
ގަތަރުގެ ދޯހާގައި ކުރިއަށް ގެންދިޔަ 12 ވަނަ ފީނާ ވޯލްޑް ޗެންޕިއަންޝިޕް (25މ) މިއަދު ނިންމާލާފައިވާ އިރު، ރާއްޖޭގެ ފެތުންތެރިން އެ މުބާރާތުގެ އިވެންޓުތަކުގައި ރާއްޖޭގެ ގައުމީ ހަތް ރެކޯޑެއް އާކޮށްފި އެވެ.
އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ތިން ފެތުންތެރިންނަކީ ނިޝްވާން އިބްރާހީމް އާއި މުހައްމަދު މުއްތަސިމް އަދުނާނު އަދި އައިމިނަތު ޝަޖަން އެވެ. އޭގެ ތެރެއިން ނިޝްވާން ގައުމީ ތިން ރެކޯޑެއް އާކޮށްފައިވާ އިރު، މުއްތަސިމް ވަނީ ގައުމީ ދެ ރެކޯޑު އާކޮށްފަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވި ހަމައެކަނި އަންހެން ފެތުންތެރިޔާ ޝަޖަން ވެސް ވަނީ ގައުމީ ދެ ރިކޯޑެއް އާކޮށްފަ އެވެ.
އެ މުބާރާތުގައި ނިޝްވާން އާކޮށްފައިވާ ރެކޯޑުތަކަކީ 100 މީޓަރު ފްރީ ސްޓައިލްގެ ގައުމީ ރެކޯޑާއި 50 މީޓަރު ބަޓަފްލައިގެ ގައުމީ ރެކޯޑެވެ. އެ މުބާރާތުގައި ބޭއްވި 50 މީޓަރު ފްރީސްޓައިލް އިވެންޓް އޭނާ ނިންމާފައި ވަނީ 25.85 ސިކުންތުންނެވެ. އަދި އެ މުބާރާތުގެ 100 މީޓަރު ފްރީސްޓައިލް އިވެންޓް 56.81 ސިކުންތުން އެނާ ނިންމާފައިވާ އިރު، 50 މީޓަރު ބަޓަފްލައި އިވެންޓު އޭނާ ނިންމާފައި ވަނީ 27.68 ސިކުންތުންނެވެ.
އެ މުބާރާތުގައި މުއްތަސިމް އާކޮށްފައިވާ ރެކޯޑުތަކަކީ 100 މީޓަރު ބަޓަފްލައިގެ ގައުމީ ރިކޯޑާއި 100 މީޓަރު އިންޑިވިޖުއަލް މެޑްލީގެ ރިކޯޑެވެ. އެ މުބާރާތުގައި ބޭއްވި 100 މިޓަރު ބަޓަފްލައި އިވެންޓު އޭނާ އެއް މިނެޓާއި 08.13 ސިކުންތުން ނިންމާފައިވާ އިރު، މުބާރާތުގައި ބޭއްވި 100 މީޓަރު އިންޑިވިޖުއަލް މެޑްލީ އިވެންޓް އެނާ ވަނީ އެއް މިނެޓާއި 10.77 ސިކުންތުން ނިންމާފަ އެވެ.
ޝަޖަން އެ މުބާރާތުގައި އާކޮށްފައިވާ ރެކޯޑުތަކަކީ 100 މީޓަރު ފްރީސްޓައިލްގެ ގައުމީ ރިކޯޑާއި 200 މީޓަރު ފްރީސްޓައިލްގެ ގައުމީ ރިކޯޑެވެ. އެ މުބާރާތުގައި ބޭއްވި 100 މީޓަރު ފްރީސްޓައިލް އިވެންޓު އެއް މިނެޓާއި 06.01 ސިކުންތުން އޭނާ ނިންމާފައިވާ އިރު، އެ މުބާރާތުގައި ބޭއްވި 200 މީޓަރު ފްރީސްޓައިލް އިވެންޓް އޭނާ ވަނީ ދެ މިނެޓާއި 28.41 ސިކުންތުން ނިންމާފަ އެވެ.
މިމަހުގެ ތިނަކުން ހަތަކަށް ކުރިއަށް ގެންދިޔަ 12 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި އެ ތިން ފެތުންތެރިންގެ ކޯޗެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ އިސްމާއިލް ފަރުހާން އެވެ. އެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރި ޓީމް ރާއްޖެ އަންނަން ހަމަޖެހިފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.