މާލޭގެ ފެނުގެ މައްސަލަ އާއި އަދި މަރަމާރީ ގިނަ ވަމުން އަންނަ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރާއްޖޭގެ ވެރިކަން ހަވާލުކުރުމަށް ގޮވާލައި ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްވީ، 44 މެންބަރުން ހާޒިރުވި ބައްދަލުމުގައި 37 ބޭފުޅުން ވޯޓު ދެއްވައިގެންނެވެ. އެ ގަރާރު ފާސް ކުރުމަށް ނުފެންނަ ކަމަށް ދެ ބޭފުޅުން ވޯޓު ދެއްވި އިރު ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތަރު ބޭފުޅުން ތިއްބެވި އެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދު ހަވީރު ސިޓީ ކައުންސިލްގެ ހޯލުގައި ބޭއްވި ބައްދަލުވުމެއްގައި ގަރާރު ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ ބާވަތަށް ބަލައި އެންމެ ރަނގަޅު ގޮތަކީ ގާސިމް އިބްރާހިމަށް ވަގުތީ ގޮތުން ވެރިކަން ހަވާލުކުރުން ކަމަށެވެ. އަދި މިހާރު މާލެއަށް ދިމާވެފައި ފެނުގެ ދަތިކަން ކުރިމަތިވެފައި ވަނީ ސީދާ ސަރުކާރުގެ އިހުމާލުން ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"މާލޭގައި ފެން ނެތިގެން މިދަނީ ސީދާ މި ސަރުކާރުގެ އިހުމާލުންކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އެބަ އިނގޭ ކަރަންޓުގެ ފެންވަރު. މިއަންނަ އަހަރު ކަރަންޓް ރަނގަޅަށް ފުރިހަމަކޮށް ދެވިދާނެކަމާ މެދު ޝައްކު އުފެދޭ." ގާސިމަށް ވަގުތީ ގޮތުން ވެރިކަން ހަވާލުކުރެއްވުމަށް ހުށަހެޅުއްވި ގަރާރު އިއްވަވަމުން ނަޝީދު ވިދާޅުވި އެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ރައީސް ނަޝީދު ގަރާރު ހުށަހަޅުއްވަނީ---ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ އިތުރުން މާލޭގައި ކުނި ނައްތާލެވޭ ރަނގަޅު ނިޒާމެއް ގާއިމްކުރެވިފައި ނުވާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގެ އިޖްތިމާއި ފޭރާން ދުވަހެއް ދުވަހަކަށް ހަލާކުވެގެން ދަނީ މާލެއާއި އަތޮޅުުތަކުގައި ރަނގަޅު ބޯހިޔާވަހިކަމެއް ލިބިފައި ނުވާތީ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ވެރިރަށް މާލެ ވަނީ މާރާމާރީ ހިންގުމާއި ވަޅިޖެހުމާއި އެހެނިހެން ނުރައްކާތެރި އަމަލުތަކުން ފުރިފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިކަންކަން މިހެން ހިނގަމުންދާއިރު އަޅުގަނޑުމެންނަށް އެންމެ ސާފުކޮށް އިނގެން އޮތް ހަގީގަތަކީ، މިކަންކަން ހުއްޓުވުމުގައި ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅުއްވާފައި ނުވާކަން. މިއަހަރު މާލޭގައި ހަތް މީހަކު މަރާލެވިއްޖެ. ވިހި ފަހަރަށް ވުރެ ގިނަ ވަޅިޖެހުމުގެ ހާދިސާ ހިނގައިފި." ނަޝީދު ވިދާޅުވި އެވެ.